ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް ކްރޮއޭޝިޔާ މަގުން އެކްސްޕޯޓު ކުރުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލާފައިވާ ކަން ޔޫކްރެއިނުން ހާމަކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ބޭނުން ކުރާނީ ޑެނިޔުބް ކޯރާއި އޭޑްރިއޭޓިކް ކަނޑުގެ އައްސޭރިފަށުގައިވާ ކްރޮއޭޝިޔާގެ ބަނދަރުތަކެވެ. މި ކަން ހާމަކުރައްވާފައި ވަނީ ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ދްމީތްރޯ ކޫލެބާއެވެ.
ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް ކްރޮއޭޝިޔާ މަގުން ބޭރު ކުރުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް ހަދާފައި މި ވަނީ، ޔޫކްރެއިނުން ގޮވާން އެކްސްޕޯޓުކުރުމާ ގުޅޭ ގޮތުން އެ ޤައުމާއި ޔޫކްރެއިނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ރަޝިޔާއިން ދެކޮޅު ހަދައި، އެއްބަސްވުން ރޫޅައިލުމާ ގުޅިގެންނެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރެއިނަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ފޯރުކޮށްދޭ ޤައުމެވެ. ނަމަވެސް، ހަނގުރާމައާ އެކު އެ ކަމަށް ހުރަސްއެޅި، ދުނިޔޭގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އެތަކެއް މިލިޔަން މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުރަސް އެޅުނެވެ.
ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުން އަލުން ފެށުމަށް ރަޝިޔާއިން ހުއްދަ ދީފައި ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެ ކަމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ ތުރުކީވިލާތުގެ ބައިވެރިވުމާ އެކު އ.ދއިންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހުސްވި ޖުލައި މަހު ހަމަވެފައިވާއިރު، ރަޝިޔާއިން ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފައެވެ.
އަދި، އެއްބަސްވުމަށް ހުރަސް އެޅުމަށް ފަހު ރަޝިޔާއިން ވަނީ ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރަން ހުރަސް އެޅުމުގެ ގޮތުން ބްލެކް ސީ ނުވަތަ ކަޅު ކަނޑުގެ އައްސޭރިފަށުގައިވާ ޔޫކްރެއިންގެ ބަނދަރުމަތީ ރަށްތަކަށް ހަމަލަދޭން ފަށާފައެވެ. މީގެ ތެރެއިން ގިނަ ހަމަލަތައް އަމާޒުކޮށްފައި ވަނީ އަދިއްސާ، މިކޮލައިފް އަދި ޑެނިޔުބް ކޯރުގެ އައްސޭރިފަށުގައިވާ ބަނދަރުތަކަށެވެ.
ކްރޮއޭޝިޔާގެ ޚާރިޖީ ވަޒީރު ގަރކިޗް ރާޑްމެނާ އެކު ޔޫކްރެއިންގެ ވެރިރަށް ކީވްގައި ބޭއްވެވި ބައްދަލުވުމަކަށް ފަހު ކޫލެބާ ވިދާޅުވީ ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް ކްރޮއޭޝިޔާ މަގުން އެކްސްޕޯޓު ކުރާނެ އެންމެ ފަސޭހަ މަގުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ޔޫކްރެއިނުން މެދުކެނޑުމެއް ނެތި ދުނިޔޭގެ ބާޒާރަށް ގޮވާން ފޯރުކޮށްދެމުން ދިޔުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރަން މުހިންމު މަސައްކަތެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ކަޅު ކަނޑުން ގޮވާން އެކްސްޕޯޓު ކުރަން ރަޝިޔާއިން ހުރަސް އަޅަމުން ދިޔުމާ ގުޅިގެން ޔޫކްރެއިނުން މިހާރު ގޮވާން ބޭރުކުރަނީ އެއްގަމު މަގުން ވިލާތުގެ ޤައުމުތަކަށް އެކަންޏެވެ. ޑެނިޔުބް ކޯރުގެ އައްސޭރިފަށުގައިވާ ބަނދަރުތަކުން ގޮވާން އެކްސްޕޯޓު ކުރަން މަސައްކަތް ކުރި ނަމަވެސް، ރަޝިޔާއިން ދަނީ އެ ބަނދަރުތަކަށް ހަމަލަދެމުންނެވެ.
ޑެނިޔުބް ކޯރުގެ އައްސޭރިފަށުގައި އޮންނަ ޔޫކްރެއިންގެ ރަށެއް ކަމުގައިވާ އިޒްމައީލްގެ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ރަޝިޔާގެ ހަމަލަތަކުގައި އެ ރަށުގައިވާ ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ގޮވާން ރައްކާކުރާ ސައިލޯތަކާއި ގުދަންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. ނަމަވެސް، މި ހަމަލަތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި އެ އޮފީހުން ބުންޏެވެ.
މީގެ އިތުރުން އަދިއްސާގެ ބަނދަރުތަކަށް ވެސް ރަޝިޔާއިން ވަނީ ވަރުގަދަ ހަމަލަތަކެއް ދީފައެވެ. އަދިއްސާގެ ގަވަރުނަރު އޮލޭ ކިޕަރް ވިދާޅުވީ ރަޝިޔާގެ ހަމަލަތަކުގައި ބަނދަރުގައިވާ ގޮވާން ރައްކާކުރާ ގުދަންތަކުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.
ހުސްވި އަހަރުގެ ޖުލައި މަހުގެ ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޔޫކްރެއިނުން 33 މިލިޔަން ޓަނުގެ ގޮވާމުގެ ބާވަތްތައް ބޭރުކޮށްފައިވެއެވެ. އެ އެއްބަސްވުން ރޫޅައިލަން ރަޝިޔާއިން ނިންމާފައި ވަނީ، އެއްބަސްވުމާ އެއްގޮތަށް ރަޝިޔާގައި އުފައްދާ ގޮވާމާއި، އެހެނިހެން ކާބޯތަކެއްޗާއި ގަސްކާނާ ބޭރުކުރުމުގެ ފުރުޞަތު އެ ޤައުމަށް ނުލިބޭ ކަމަށް ބުނުމަށް ފަހުއެވެ.