ތައިލެންޑުގައި މުދާ އުފުލާ ރޭލަކާއި ލޮރީއެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަށް މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ވެރިރަށް ބެންގްކޮކުގެ އިރުމަތިން އޮންނަ ޗާވިންއޯކްވާދް ޕުރޮވިންސުގައެވެ. އެއީ ތައިލެންޑުގެ މެދުތެރޭގައި އޮންނަ ހިސާބެކެވެ.
ތައިލެންޑުގެ ރޭލު ދަތުރުފަތުރުގެ ޚިދުމަތްދޭ ސްޓޭޓް ރެއިލްވޭ ކުންފުނިން ބުނީ، މުދާ އުފުލާ ރޭލާއި ލޮރީއެއް ޖެހިފައި ވަނީ، ރޭލު ދަނގަޑު ހުރަސްކުރަން ޤަވާޢިދާ ޚިލާފަށް ހަދާފައިވާ މަގަކުން ލޮރީ ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ ދަންވަރުގެ ވަގުތުގައެވެ.
އެކްސިޑެންޓުވެފައި ވަނީ މަހުގެ ބާވަތްތައް އުފުލާ ރޭލެއް ކަމަށާއި، ރޭލު ދުއްވަން އިން ޑްރައިވަރު އަމަލުކޮށްފައި ވަނީ ޤަވާޢިދާ އެއްގޮތަށް ކަމުގައި އެ ކުންފުނިން ބުންޏެވެ. އަދި، ލޮރީ ދުއްވަން އިން މީހާ ރޭލު ދަގަނޑު ހުރަސްކުރަން އުޅޭ ތަން ފެނުމުން ރޭލު ދުއްވަން އިން ޑްރައިވަރު އިންޒާރު ދިނުމުގެ ގޮތުން ބަރުގޮނު އަޅާފައިވާ ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ. ނަމަވެސް، ރޭލު ދުއްވަން އިން މީހާއަށް ލޮރީ ފެނިފައި ވަނީ އެ އުޅަނދާއި ވަރަށް ކައިރިވި ފަހުން ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެނުންނާއި ތިން އަންހެނުންނެވެ. މި ހާދިސާގައި މަރުވެފައި ވަނީ ލޮރީގައި ތިބި މީހުންނެވެ. ސަލާމަތްވެފައި ވަނީ އެންމެ މީހެކެވެ. އެއީ، 20 އަހަރުގެ ޒުވާނެކެވެ. އޭނާ ބުނީ، ލޮރީ ދުއްވަން އިން މީހާއަށް ވެސް ރޭލު ފެނިފައި ވަނީ އެ އުޅަނދާ ވަރަށް ކައިރިވި ފަހުން ކަމުގައެވެ.
ތައިލެންޑަކީ މަގުމަތީގެ އެކްސިޑެންޓުތަކާއި ދަތުރުފަތުރުގެ އެކްސިޑެންޓުތައް ގިނަ ޤައުމެއް ކަން ފާހަގަކުރެވެއެވެ. 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މުދާ އުފުލާ ރޭލަކާއި ފަސިންޖަރުން އުފުލާ ބަހެއް ޖެހިގެން ހިނގި މި ފަދަ ނުރައްކާތެރި ހާދިސާއެއްގައި ވެސް 18 މީހުން ވަނީ މަރުވެފައެވެ.