ނޭޓޯގެ އިރުމަތީ ފަރާތުގައި އޮންނަ ތިން ޤައުމެއްގެ ސަރަޙައްދީ ރޮނގުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފިއެވެ. ސަރަޙައްދީ ރޮނގުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައި ވަނީ ޕޮލެންޑާއި ލިތުއޭނިޔާ އަދި ލެޓްވިޔާގައެވެ. އެއީ، ބެލަރޫސްއާ އެކު ސަރަޙައްދީ ރޮނގު ހިއްސާ ކުރާ ތިން ޤައުމެވެ.
އެ ތިން ޤައުމުން ބެލަރޫސްއާ އެކު ހިއްސާ ކުރާ ސަރަޙައްދީ ރޮނގުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައި މި ވަނީ، ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުނި ވާގްނަރ ގުރޫޕުގެ ފައުޖުތައް ބެލަރުސްއާއި އެ ޤައުމުތަކާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކުރަން ފެށުމާ ގުޅިގެންނެވެ. ވާގްނަރގެ ކުލީ ސިފައިން ބެލަރުސްއަށް އަރުވައިލާފައި ވަނީ ރަޝިޔާ ސަރުކާރާ ދެކޮޅަށް ކުރި ބަޣާވާތަކާ ގުޅިގެންނެވެ.
ޕޮލެންޑާއި ލިތުއޭނިޔާ އަދި ލެޓްވިޔާއަކީ ނޭޓޯގެ މެންބަރު ޤައުމުތަކުގެ ތެރެއިން އެންމެ އިރަށް އޮންނަ ތިން ޤައުމެވެ. އެ ތިން ޤައުމާއި ބެލަރޫސް ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނޭޓޯގެ ޤައުމުތަކަށް ހިޖުރަކުރަން ބޭނުންވެގެން ގިނަ ޢަދަދެއްގެ ޢާންމުން ޖަމާވެފައިވާ ކަމުގައި އެ ތިން ޤައުމުން ބުނެއެވެ.
އެ ކަމާ ގުޅިގެން އެ ތިން ޤައުމުން ވަނީ ސަރަޙައްދީ ރޮނގުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ. އަދި، ހިޖުރަކުރަން ބޭނުންވާ މީހުން ސަރަޙައްދީ ރޮނގު ކައިރިއަށް ފޮނުވާފައި ވަނީ ނޭޓޯގެ މެންބަރު ޤައުމުތަކަށް ބިރު ދެއްކުމުގެ ގޮތުން ބެލަރޫސްގެ ރައީސް އަލެކްސާންދްރަ ލުކަޝެންކާ އަޑީގައި ހުންނަވައިގެން ކަމުގައި އެ ތިން ޤައުމުން ތުހުމަތު ކުރެއެވެ. އަދި، މިއީ ހުޅަނގުގެ ޤައުމުތަކުގެ ހަމަޖެހުން ނަގައިލަން އޭނާ ބޭނުންކުރައްވާ އުކުޅެއް ކަމުގައި ވެސް އެ ޤައުމުތަކުން ދެކެއެވެ.
ޕޮލެންޑުގެ ބޮޑުވަޒީރު މަތެއުޝަ މޮރަވިއެޓްޒްކިއެގޯ ވިދާޅުވީ ސަރަޙައްދީ ރޮނގު ކައިރީގައިވާ ޚިޔާލުތަފާތުވުން އުފެދިފައިވާ ސުވައުކީ ގެޕް ސަރަޙައްދަށް ވާގްނަރގެ 100 އެއްހާ ސިފައިން ޖަމާވެފައިވާ ކަމުގައެވެ. އަދި، މިއީ ޕޮލެންޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އޭގެ ކުރިން ބެލަރޫސްގެ އަސްކަރީ ދެ ހެލިކޮޕްޓަރު ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕޮލެންޑުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ކަމުގައި ވެސް ޕޮލެންޑުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.
މި ހާދިސާގެ މަޢުލޫމާތު ޕޮލެންޑުން ވަނީ ނޭޓޯއާ ހިއްސާކޮށްފައެވެ. ނޭޓޯއިން ބުނީ ޕޮލެންޑުގެ ސަރަޙައްދީ ރޮނގުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. އަދި، ނޭޓޯގެ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމުގައި ވެސް ނޭޓޯއިން ބުންޏެވެ. ބެލަރޫސްއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ވާގްނަރގެ ކުލީ ސިފައިން ޖަމާކުރުމުން ނޭޓޯގެ މެންބަރު ޤައުމުތަކުން ވަނީ އެ ޤައުމުތަކުގެ ސަރަޙައްދީ ރޮނގު ކައިރިއަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ފަށާފައެވެ.
މި ކަމާ ގުޅޭ ގޮތުން އެމެރިކާއިން އ.ދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޮމަސް-ގްރީންފީލްޑް ވިދާޅުވީ ވާގްނަރ ގުރޫޕަކީ ނޭޓޯގެ މެންބަރު ޤައުމުތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމެރިކާއިން ވެސް ދެކޭ ކަމުގައެވެ. ވާގްނަރގެ ކުލީ ސިފައިން ބެލަރޫސްއަށް އަރުވައިލާފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވުމަށް ފަހު ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ފެށި ބަޣާވާތަކާ ގުޅިގެންނެވެ. ޔޫކްރެއިންގެ އިރުމަތީގައި ބަޚްމުތް ހިފުމަށް ކުރި ދިގު ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެފައި ވަނީ ވާގްނަރގެ ކުލީ ސިފައިން ކަން ފާހަގަކުރެވެއެވެ.