ޚަބަރު

އިމްރާން ޚާނަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ޚާންގެ މައްޗަށް ސާބިތުވެފައި ވަނީ، ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި އިރު ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ތަކެތި ޤާނޫނާ ޚިލާފަށް ވިއްކައިގެން މާލީ މަންފާތައް ހޯއްދަވައި، އެ ކަން ހާމަ ނުކުރެއްވުމުގެ ކުށެވެ.

ޚާންގެ ޤާނޫނު ވަކީލުންގެ ޓީމުން ވަނީ ވެރިރަށް އިސްލާމްއާބާދުގެ ކޯޓަކުން އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. ޚާންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަން ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ ޕާކިސްތާނުގެ މީޑިޔާތަކުންނެވެ. "ޚާންގެ މައްޗަށް ކޮރަޕްޝަން ހިންގުމުގެ ކުށް ސާބިތުވެފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ފަނޑިޔާރު މައިން ދިލާވަރު،" ޕާކިސްތާން ޓީވީން ރިޕޯޓު ކޮށްފައިވެއެވެ.

ހުކުމް އިއްވާފައި ވަނީ ޚާންގެ ޣައިރު ހާޒިރުގައި ކަމަށް މީޑިޔާތަކުން ރިޕޯޓު ކޮށްފައިވާއިރު، މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ލާހޯރުންނެވެ. މި ހުކުމާ އެކު ކުރިއަށް އޮތް ޢާންމު އިންތިޚާބުގައި ވާދަ ކުރުމުގެ ދޮރު ޚާނަށް ބަންދުވެފައިވާ ކަމުގައި ޕާކިސްތާނުގެ ޤާނޫނީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޚާނާ ދެކޮޅަށް ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ޕާކިސްތާނުގެ ސިޔާސީ މަސްރަޙު ހޫނުވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ތިން އަހަރުގެ ދުވަހުގެ ޖަލު ހުކުމުގެ އިތުރުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ސިޔާސީ ހަރަކާތްތަކުން ޚާން މަނާކުރަން ވެސް ކޯޓުން ހުކުމް ކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އަދި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ވެސް ވަނީ މަނާކޮށްފައެވެ. އަދި، 354 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އިސްލާމްއާބާދުގެ ޓްރަޔަލް ކޯޓުން ޚާންގެ މައްސަލަ އަލުން ބަލާފައި ވަނީ ޕާކިސްތާނުގެ ހައި ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

ޕާކިސްތާނުގެ އިދިކޮޅު މައި ޕާޓީ ކަމުގައިވާ ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީ (ޕީ.ޓީ.އައި)ގެ ވެރިޔާ ޚާންގެ މައްޗަށް 100 އެއްހާ މައްސަލަ ކޯޓުތަކުގައި މިހާރު ވެސް ދަނީ ބަލަމުންނެވެ. ޚާން މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި މި ވަނީ، ދަށު ކޯޓުގައި ހިނގަމުން ދިޔަ ޝަރިއަތް ވަގުތީ ގޮތުން މެދުކަނޑައިލަން ހައި ކޯޓުން އަމުރުކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށް ޚާންގެ ޤާނޫނީ ވަކީލުން ބުނެއެވެ. ހައި ކޯޓުން އެ އަމުރުކޮށްފައި ވަނީ ޕާކިސްތާނުގެ އިންތިޚާބީ ކޮމިޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށް ކަމަށް ޚާންގެ ޤާނޫނީ ވަކީލުން ބުނެއެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަޙު ހޫނުވެ، މޭ މަހުގެ 9 ވަނަ ދުވަހު ޚާން ހައްޔަރު ކޮށްފައިވެއެވެ. އިސްލާމްއާބާދުގައި ހުންނަ ހައި ކޯޓުގައި އޮތް ޝަރިއަތުގެ މަޖިލީހަކަށް ހާޒިރުވުމުން ޚާން ހައްޔަރު ކުރުމާ ގުޅިގެން ޕާކިސްތާނުގެ މަސްރަޙު އިތުރަށް ހޫނުވެ، އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. ނަމަވެސް، ޚާން ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްފައެވެ.

ޚާން ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ މީހުންނާއި، ޕީ.ޓީ.އައިގެ އެތަކެއް ހާސް މެންބަރުން ވަނީ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގެ މަގުތަކަށް އެއްވެ މުޒާހާރާކޮށްފައެވެ. އަދި، އޭނާ މިނިވަން ކުރުމަށް ގޮވައިލާ ކުރަމުންދިޔަ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިން ވަނީ މުދަލަށް ގެއްލުންދީފައެވެ. ފުލުހުންނާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 12 ވަރަކަށް މީހުން މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މޭ މަހު ޚާން ހައްޔަރުކޮށްފައި ވަނީ ހުސްވި 2022 އަހަރު އޭނާ އަވަހާރަކޮށްލަން ދިން ޙަމަލާއެއް ރާވާފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ އިސް އޮފިސަރެއް ކަމުގައިވާ މޭޖަރ ޖެނެރަލް ފައިޞަލް ނަސީރު ކަމަށް އޭނާ ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މުޒާހަރާއެއްގެ ތެރެއިން ބަޑިޖަހައިގެން ދިން ޙަމަލާގައި ޚާންގެ ފަޔަށް ވަޒަނެއް އަރައި ޒަޚަމުވިއެވެ. އެ ޙަމަލާގައި ޖެނެރަލް ފައިޞަލް ނަސީރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.