ޚަބަރު

ޖަލު ޙުކުމާއެކު އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ޚާނަށް ގެއްލިއްޖެ


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެ ހުކުމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން އޭނާއަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ. ޚާންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ، ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި އިރު ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ތަކެތި ޤާނޫނާ ޚިލާފަށް ވިއްކައިގެން މާލީ މަންފާ ހޯއްދަވައި، އެ ކަން ހާމަ ނުކުރެއްވުމުގެ ކުށް ސާބިތުވުމުންނެވެ.

ޚާންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޓްރަޔަލް ކޯޓަކުންނެވެ. އެ ހުކުމާ އެކު ފުލުހުން ވަނީ ޚާން ހައްޔަރަށް ގެންގޮސްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެ ޤައުމުގައި އިރުމަތީގައިވާ ލާހޯރުގައި ހުންނަ އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށެވެ. މި ކަމާ ދެކޮޅަށް އަޑުއުފުލަން އޭނާއަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ލާހޯރުގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގެ މަގުތަކަށް އެއްވެފައެވެ.

ހުކުމާ ދެކޮޅަށް އަޑު އުފުލަމުންދާ މީހުންގެ ތެރޭގައި ގިނައީ ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީ (ޕީ.ޓީ.އައި)ގެ މެންބަރުން ކަން ފާހަގަކުރެވެއެވެ. ނަމަވެސް، މޭ މަހު ޚާން ހައްޔަރު ކުރުމާ ގުޅިގެން މުޒާހަރާ ކުރަން ނިކުމެފައިވާ މީހުންގެ ޢަދަދުތަކާ އަޅައިބަލާއިރު، މިހާރު މަގުތަކަށް ނިކުމެފައިވާ މީހުންގެ ޢަދަދުތައް މަދު ކަން ފާހަގަ ކުރެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޚާންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އޭނާގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވީ ނަމަވެސް، ޕާކިސްތާނުގެ ޤާނޫނު ބުނާ ގޮތުން ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް އެއްވެސް އިންތިޚާބެއްގައި ވާދަކުރުމުގެ ހައްޤެއް އަދި ފުރުޞަތެއް ނޯންނާނެއެވެ. މިއާއެކު، އަންނަ ނޮވެންބަރު މަހު ބާއްވާ އެ ޤައުމުގެ ޢާންމު އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ޚާނަށް މި ވަނީ ގެއްލިފައެވެ.

ތިން އަހަރުގެ ދުވަހުގެ ޖަލު ހުކުމުގެ އިތުރުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ސިޔާސީ ހަރަކާތްތަކުން ޚާން މަނާކުރަން ވެސް ކޯޓުން ހުކުމް ކޮށްފައިވެއެވެ. އަދި، 354 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އިސްލާމްއާބާދުގެ ޓްރަޔަލް ކޯޓުން ޚާންގެ މައްސަލަ އަލުން ބަލާފައި ވަނީ ޕާކިސްތާނުގެ ހައި ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

ފުލުހުންގެ ހައްޔަރަށް ގެންދިޔުމުގެ ކުރިން ޚާން ވަނީ ވީޑިޔޯ މެދުވެރިކޮށް އޭނާއަށް ތާޢީދުކުރާ ފަރާތްތަކާ މުޚާތަބު ކުރައްވާފައެވެ. އަދި، އޭނާ ހައްޔަރު ކުރުމާއި އޭނާއާ ދެކޮޅަށް އިއްވާފައިވާ ޖަލު ހުކުމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރުމަށް އެ ފަރާތްތަކަށް ގޮވައިލައްވާފައެވެ. އަދި، ޕާކިސްތާންގެ ހުރިހާ ރައްޔިތުންގެ ހައްޤުތަކާއި މިނިވަންކަމުގެ ދިފާޢުގައި ތެދުވުމަށް ގޮވައިލައްވާފައެވެ.

ޕާކިސްތާނުގެ އިދިކޮޅު މައި ޕާޓީ ކަމުގައިވާ ޕީ.ޓީ.އައިގެ ވެރިޔާ ޚާންގެ މައްޗަށް 100 އެއްހާ މައްސަލަ ކޯޓުތަކުގައި މިހާރު ވެސް ދަނީ ބަލަމުންނެވެ. އުމުރުން 70 އަހަރުގެ ޚާން މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި މި ވަނީ، ދަށު ކޯޓުގައި ހިނގަމުން ދިޔަ ޝަރިއަތް ވަގުތީ ގޮތުން މެދުކަނޑައިލަން ހައި ކޯޓުން އަމުރުކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށް ޚާންގެ ޤާނޫނީ ވަކީލުން ބުނެއެވެ. ހައި ކޯޓުން އެ އަމުރުކޮށްފައި ވަނީ ޕާކިސްތާނުގެ އިންތިޚާބީ ކޮމިޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށް ކަމަށް ޚާންގެ ޤާނޫނީ ވަކީލުން ބުނެއެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަޙު ހޫނުވެ، މޭ މަހުގެ 9 ވަނަ ދުވަހު ވެސް ޚާން ހައްޔަރު ކޮށްފައިވެއެވެ. އިސްލާމްއާބާދުގައި ހުންނަ ހައި ކޯޓުގައި އޮތް ޝަރިއަތުގެ މަޖިލީހަކަށް ހާޒިރުވުމުން ޚާން ހައްޔަރު ކުރުމާ ގުޅިގެން ޕާކިސްތާނުގެ މަސްރަޙު އިތުރަށް ހޫނުވެ، އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. ނަމަވެސް، ޚާން ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްފައެވެ.

ޚާން ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ މީހުންނާއި، ޕީ.ޓީ.އައިގެ އެތަކެއް ހާސް މެންބަރުން ވަނީ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގެ މަގުތަކަށް އެއްވެ މުޒާހާރާކޮށްފައެވެ. އަދި، އޭނާ މިނިވަން ކުރުމަށް ގޮވައިލާ ކުރަމުންދިޔަ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިން ވަނީ މުދަލަށް ގެއްލުންދީފައެވެ. ފުލުހުންނާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 12 ވަރަކަށް މީހުން މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މޭ މަހު ޚާން ހައްޔަރުކޮށްފައި ވަނީ ހުސްވި 2022 އަހަރު އޭނާ އަވަހާރަކޮށްލަން ދިން ޙަމަލާއެއް ރާވާފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ އިސް އޮފިސަރެއް ކަމުގައިވާ މޭޖަރ ޖެނެރަލް ފައިޞަލް ނަސީރު ކަމަށް އޭނާ ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މުޒާހަރާއެއްގެ ތެރެއިން ބަޑިޖަހައިގެން ދިން ޙަމަލާގައި ޚާންގެ ފަޔަށް ވަޒަނެއް އަރައި ޒަޚަމުވިއެވެ. އެ ޙަމަލާގައި ޖެނެރަލް ފައިޞަލް ނަސީރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.