ޚަބަރު

ޑރ.ޢަބްދުއްސަމަދު މެމޯރިއަލްގައި ލެޕްރޮސްކޯޕިކް ސަރޖަރީގެ ދެވަނަ ބުރެއް


  • އެންމެ ފުރަތަމަ މިފަދަ ސަރޖަރީތައް އެހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ މިދިޔަ މެއި މަހު

  • ފުރަތަމަ ބުރުގައި 3 ޕޭޝަންޓުންނަށް ޚިދުމަތްދީފައިވާއިރު މިފަހަރު 8 ސަރޖަރީކުރުމަށްވަނީ ހަމަޖެހިފައި

  • ލެޕްރޮސްކޯޕިކް ސަރޖަރީއާއި ޕްލާސްޓިކް ސަރޖަރީގެ އެހީގައި ފާރުގަނޑުތައް ރަނގަޅުކުރުމުގެ ޚިދުމަތްދޭ

މުޅި ރާއްޖޭގެ ސިއްޙީ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން އެކި ސަރަޙައްދުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކޮށް އެތަނުން ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިފަދައިން ޚިދުމަތްތައް ފުޅާކޮށް ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭ އެއް ހޮސްޕިޓަލަކީ ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިއަހަރުގެ މެއި މަހުގެ ތެރޭގައި އެހޮސްޕިޓަލުގައިވަނީ ލެޕްރޮސްކޯޕިކް ސަރޖަރީއާއި އެޑްވާންސްޑް ވޫންޑް ކެއަރގެ ޚިދުމަތް ފަށާފައެވެ. ލެޕްރޮސްކޯޕިކް ސަރޖަރީއަކީ ހަށިގަނޑު ފަޅާލައިގެން ސަރޖަރީ ކުރުމުގެ ބަދަލުގައި ކުޑަ ލޯވަޅޭއް ތޮރުފައިގެން އެތެރެއަށް ކެމެރާ ފޮނުވައިގެން ހަދާ ސަރޖަރީއެކެވެ. އެޑްވާންސްޑް ވޫންޑް ކެއަރގެ ޚިދުމަތަކީ ރަނގަޅުނުވެ ގިނަ ދުވަސްވާ ފާރުގަނޑުތައް ޒަމާނީ ފަރުވާގެ އެހީގައި ރަނގަޅުކުރުމަށް ފެށި ޚިދުމަތެވެ.

މިދެޚިދުމަތްވެސް ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފެށީ އައިޖީއެމްއެޗްގެ އެހީތެރިކަމާއެކުގައެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް އެހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިގެން ކުރިއަށްގެންދާ މިސަރޖަރީތަކަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދެވޭ ޚިދުމަތަކަށް ހެދުމަކީ އެހޮސްޕިޓަލުގެ އަމާޒެކެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން އެހޮސްޕިޓަލަށް ކުރައްވަމުންދާ މިފަދަ ދެވަނަ ޒިޔާރަތުގައި 8 މީހެއްގެ ސަރޖަރީ ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ތިން ދުވަހުގެ މުއްދަތަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ކުރައްވާ ދަތުރުގައި ބައެއް އައުޓް ޕޭޝަންޓުން ބެލުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މީގެކުރިން ކޮންމެ ފަދަ ސަރޖަރީއެއް ނަމަވެސް ކުރަމުން އައީ ބަނޑު ފަޅާލައިގެންކަން އެހޮސްޕިޓަލުން ފާހަގަކުރެއެވެ. އޭގެ ސަބަބުން ފާރުގަނޑު ފަސޭހަވުން ލަސްވެ ބަލިމީހާއަށް ލިބޭ ތަކުލީފުތައް ބޮޑުވެ ފަރުވާ ދިގުލައިގެންދާކަން އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އެހެންކަމުން މިފަދައިން ކުރަން ހުންނަ ބޮޑެތި ސަރޖަރީތައް ޕްލޭންކޮށް އައިޖީއެމްއެޗްގެ ޓީމާ ގުޅިގެން ކުރިއަށްގެންދިޔުމުގެ މަސައްކަތް އެހޮސްޕިޓަލުން މިހާރުވަނީ ފައްޓަވާފައެވެ. މީގެ ސަބަބުން ބަލިމީހާ އުފުލަން ޖެހޭ ތަކުލީފް ކުޑަވެ މާލީ ގޮތުންވެސް ބޮޑު ލުޔެއް ލިބިގެންދާނެކަން ޑރ.ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

މާލެ ސަރަޙައްދު ފިޔަވާ މިފަދަ ސަރޖަރީތައް އެންމެ ފުރަތަމަ ފަށާފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައެވެ. އަދި މިހާރު މިޚިދުމަތް ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައިވެސްވަނީ ފަށާފައެވެ.