ޔޫކްރެއިންގެ އިރުމަތީގައިވާ ޕޯކްރޮސްކަށް ރަޝިޔާއިން ދިން ވަރުގަދަ މިސައިލް ހަމަލަތަކެއްގައި ޢާންމުންގެ އަށް މީހުން މަރުވެއްޖެއެވެ. ޕޯކްރޮސްކުގައި ހުންނަ ޢާންމުން ދިރިއުޅޭ ޢެޕާޓްމަންޓް ޢިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހަމަލަތަކުގައި އިތުރު 31 މީހަކު ޒަޚަމުވެފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އެއީ، 60,000 މީހުންގެ އާބާދީއެއް ދިރިއުޅެމުން ގޮސްފައިވާ ރަށެކެވެ.
އެއް މިސައިލް އަރާފައި ވަނީ ފަސް ބުރިއަށް ޢިމާރާތްކޮށްފައިވާ ޢިމާރާތަކަށެވެ. މި ހަމަލާގައި އެ ޢިމާރާތުގެ ބޮޑު ބައެއް ސުންނާފަތިވެފައިވާއިރު، ގިނަ ބަޔަކު މަރުވެފައި ވަނީ ވެއްޓުނު ޢިމާރާތުގެ ބައިތަކުގެ ދަށުވެގެން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އަދި، ޢިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު މީހުން ސަލާމަތް ކުރަން އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޕޯކްރޮސްކަކީ ޑޮނެޓްސްކް ސަރަޙައްދުގައި އޮންނަ ރަށެކެވެ. އެ ސަރަޙައްދުގެ ގަވަރުނަރު ޕަވްލޯ ކިރިލެންކޯ ވިދާޅުވީ ރަޝިޔާގެ ހަމަލަތަކުގައި މަރުވި މީހުންގެ ތެރޭގައި ޔޫކްރެއިންގެ އަސްކަރިއްޔާގެ ސިފައިންގެ މީހަކާއި، ރެސްކިޔު މަސައްކަތުގައި ހަރަކާތްތެރިވާ ދެ މީހަކު ހިމެނޭ ކަމުގައެވެ. ޔޫކްރެއިންގެ ދާޚިލީ ވަޒީރު އީހޯރް ކްލިމެންކޯ ވިދާޅުވީ، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، މި ހަމަލަތަކުގައި މަރުވި މީހުންގެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
ރަޝިޔާގެ ހަމަލަތަކުގައި ޒަޚަމުވި 31 މީހުންގެ ތެރޭގައި ޔޫކްރެއިންގެ އަސްކަރިއްޔާގެ ސިފައިންގެ 10 މީހަކު ވެސް ހިމެނެއެވެ. ޢާންމުން ދިރިއުޅޭ އެޕާޓްމަންޓެއްގެ އިތުރުން ހޮޓަލަކަށް ވެސް ރަޝިޔާގެ މިސައިލް ހަމަލައެއް އަރާފައިވާ ކަމުގައި ކިރިލެންކޯ ވިދާޅުވިއެވެ. މި ހަމަލަތަކަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، އެ ޤައުމުގެ އިރުމަތީ ސަރަޙައްދުތައް ސުންނާފަތިކޮށްލަން ރަޝިޔާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ ހަމަލަތަކެއް ދީފައި މި ވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން 40 ޤައުމެއްގެ ބައިވެރިވުމާއެކު މުހިންމު މަޝްވަރާތަކެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. ޖިއްދާގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މަޝްވަރާތަކަށް ރަޝިޔާއަށް ދަޢުވަތު ދީފައެއް ނުވެއެވެ. މި ކަމާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ބައްދަލުވުން ބަލައިނުގަންނަ ކަމަށް ބުނެފައެވެ.
ނަމަވެސް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޑިޕްލޮމެޓިކް ނުވަތަ ޚާރިޖީ ގޮތުން މަސައްކަތް ކުރަން ރަޝިޔާއިން އަދިވެސް ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. ނަމަވެސް، ހަނގުރާމަ ހުއްޓައިލެވޭނީ ރަޝިޔާގެ ޝަރުޠުތަކާއި ހުށަހެޅުންތަކަށް އެއްބަސްވާ ގޮތަށް، ރަޝިޔާގެ ބޭނުންތައް ފުދޭ ނަމަ ކަމުގައި ވެސް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އެ ޝަރުޠުތަކުގެ ތެރޭގައި ރަޝިޔާއިން އަތްގަދަކޮށްފައިވާ ޔޫކްރެއިންގެ ސަރަޙައްދުތަކަކީ ރަޝިޔާގެ ބިންތަކެއްގެ ގޮތުގައި ޔޫކްރެއިނުން ޤަބޫލު ކުރުން ހިމެނެއެވެ.
މި ކަމާ ގުޅޭ ގޮތުން ޒެލެންސްކީގެ އިސް މުޝީރެއް ކަމުގައިވާ މިޚައިލޯ ޕޮދޮލްޔަކް ވިދާޅުވީ ރަޝިޔާއިން ހުށަހަޅާފައި ވަނީ ބަލައިގަންނަން ދަތި ޝަރުޠުތަކެއް ކަމުގައެވެ. އަދި، އެ ޝަރުޠުތަކުގެ މައިގަނޑު ބޭނުމަކީ ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގައި އެ ޤައުމުގެ އަސްކަރީ ބާރުވެރިކަން އިތުރު ކުރުން ކަމަށާއި، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުން އެ ޤައުމުގެ ސިފައިން ފޭބުން ނޫން ގޮތަކަށް ޔޫކްރެއިނުން އެއްބަސްނުވާނެ ކަމުގައެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި ހަނގުރާމައަށް 532 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ތިން ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އިރުމަތީ ދޮންބާސްގެ ދެ ސަރަޙައްދެއް ކަމުގައިވާ ޑޮނެޓްސްކާއި ލުހާންސްގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާ ހިމެނެއެވެ. އެ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ފަށާފައެވެ.