ކްރޮސްސަބްސިޑީ އުސޫލުން ރާއްޖޭގެ 7 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރަން އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.
ސަރުކާރުން އިންވެސްޓަރުންނަށް ހުޅުވާލާފައިވަނީ ހދ.މަކުނުދޫ، ށ.ބިލެތްފަހި، ބ.ތުޅާދޫ، ތ.ވިލުފުށި، ފ.މަގޫދޫ، ވ. ފޮއްތެޔޮފަޅު އަދި ރ.އަތޮޅު ދެކުނު ބިތުގެ އެއަރޕޯޓް އެޅުމުގެ މަޝްރޫޢުތަކެވެ.
ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫޢަކަށް ޙަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއާޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެއެވެ.
ސަރުކާރުން އެންމެފަހުން ހުޅުވާލި 7 އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ހދ.މަކުނުދޫ، ށ.ބިލެތްފަހި، ބ.ތުޅާދޫ، ތ.ވިލުފުށި، ފ.މަގޫދޫ އަދި ރ.އަތޮޅު ދެކުނު ބިތުގެ އެއަރޕޯޓް ފައިނޭންސްކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ 3 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި ވ. ފޮއްތެޔޮފަޅު އެއަރޕޯޓް ފައިނޭސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ 5 މިލިއަން އެމެރިކާ ޑޮލަރެވެ.
މި މަޝްރޫޢުތަކަށް ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ މިންވަރުންވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މަކުނުދޫ އެއަރޕޯޓަށް 29.9 މިލިއަން ޑޮލަރު، ބިލެއްފަހި އެއަރޕޯޓަށް 30.6 މިލިއަން ޑޮލަރު، ތުޅާދޫ އެއަރޕޯޓަށް 36 މިލިއަން ޑޮލަރު، މަގޫދޫ އެއަރޕޯޓަށް 40 މިލިއަން ޑޮލަރު، ފޮއްތެޔޮފަޅުގައި އަޅާ އެއަރޕޯޓަށް 38 މިލިއަން ޑޮލަރު، ރ.އަތޮޅު ދެކުނު ބިތުގައި އަޅާ އެއަރޕޯޓަށް 35 މިލިއަން ޑޮލަރު އަދި ތ.ވިލިފުށީގައި އަޅާ އެއަރޕޯޓަށް 38.2 މިލިއަން ޑޮލަރު ވަނީ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.
ކްރޮސް ސަބްސިޑީއަށް ރަށްތައް ދޫކުރުމަކީ ކުރީ ސަރުކާރުތަކުންވެސް ގެންގުޅުނު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ރަށްރަށް ދޫކޮށްފައި ހުރި ނަމަވެސް، މީގެ ކުރިން މިހެން ހިންގާ މަޝްރޫއުތަކަށް ރަށްތައް ހަވާލުކުރުމާއި އެކުއިޒިޝަން ކޮސްޓު ކަނޑައަޅާނެ ގޮތުގެ އުސޫލެއް ނޯވެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެކުއިޒިޝަން ކޮސްޓު ކަނޑައަޅާނެ ގޮތުގެ އުސޫލެއް ކަނޑައަޅުއްވާފައެެވެ.
ކްރޮސް ސަބްސިޑީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ދަޢުލަތުގެ އާންމު މަންފާއަކަށްޓަކައި ޙާޞިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކެވެ. އެގޮތުން މީގެކުރިންވެސް ސަރުކާރުން ވަނީ ބައެއް މަޝްރޫޢުތައް އިންވެސްޓަރުންނަށް ހުޅުވާލާފައެވެ.