ޓެރެރިސްޓު ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައި.އެސް)ގެ ހަނގުރާމަވެރިން ސޫރިޔާގައި ދިން ހަމަލައެއްގައި އެ ޤައުމުގެ އަސްކަރިއްޔާގެ 23 ސިފައިން މަރުވެއްޖެއެވެ. އައި.އެސްގެ ހަނގުރާމަވެރިން ހަމަލަދީފައި ވަނީ އެ ޤައުމުގެ އިރުމަތީގައި އޮންނަ ދީރް އަލް-ޒޫރް ޕުރޮވިންސުގައި ސިފައިން ދަތުރު ކުރަމުން ދިޔަ ބަހަކަށެވެ.
މި ހާދިސާގެ މަޢުލޫމާތު ހާމަކޮށްފައި ވަނީ ސޫރިޔާގައި އިންސާނީ ހައްޤުތަކުގެ ހާލަތު ބަލަމުންދާ ޖަމުޢިއްޔާއެއް ކަމުގައިވާ ސީރިޔަން އޮބްޒަރވޭޓަރީ ފޯ ހިޔުމަން ރައިޓްސް (އެސް.އޯ.އެޗް.އާރު)ންނެވެ. އެ ޖަމުޢިއްޔާއިން ބުނީ ހަނގުރާމަވެރިންގެ ހަމަލާގައި ސިފައިންގެ އިތުރު 10 މީހަކު ޒަޚަމުވެފައިވާ ކަމަށާއި، ބަހުގައި ދަތުރުކުރި ސިފައިންގެ އިތުރު ބަޔަކު ހަމަލައަށް ފަހު ރަހީނުކޮށްގެން ގެންގޮސްފައިވާ ކަމުގައެވެ. މި ހަމަލާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެސް.އޯ.އެޗް.އާރުން ބުނެއެވެ.
މިއީ، މި އަހަރުގެ ތެރޭގައި އައި.އެސް ޖަމާޢަތުގެ ހަނގުރާމަވެރިން ސޫރިޔާގައި ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހަމަލައެވެ. ސޫރިޔާގެ ދަޢުލަތުގެ މީޑިޔާ ސަނާއިން ބުނީ މި ހަމަލަ ދީފައި ވަނީ ދީރް އަލް-ޒޫރުގެ ދެކުނުން އިރާޤާއި ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ކަމުގައެވެ. މި ހަމަލަ ދީފައި ވަނީ ޓީ2ގެ ނަން ދީފައިވާ ޕަމްޕިންގ ސްޓޭޝަން ކައިރީގައެވެ. އެއީ، 2014 އާއި 2017 ވަނަ އަހަރާ ދެމެދު އައި.އެސް ޖަމާޢަތުގެ އަތްދަށުގައި އޮތް ސަރަޙައްދެއް ކަމުގައެވެ.
ސޫރިޔާގެ ސަރުކާރު ފައުޖުތަކާ ދެކޮޅަށް އައި.އެސް ޖަމާޢަތުން ދޭ މި ފަދަ ހަމަލަތައް ފަހަކަށް އައިސް އިތުރުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އެ ޖަމާޢަތުން ހަރަކާތްތެރިވަމުން ދަނީ ސޫރިޔާގެ އުތުރާއި އިރުއުތުރުގެ ސަރަޙައްދުތަކުގައެވެ. މި ހަފުތާގެ ކުރީކޮޅު އައި.އެސްއިން ދިން މި ފަދަ އެހެން ހަމަލައެއްގައި ސޫރިޔާގެ އަސްކަރިއްޔާއާއި ސަރުކާރަށް ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ 10 މީހުން މަރުވިއެވެ. އެ ހަމަލަ ދީފައި ވަނީ އައި.އެސްގެ ބާރުގެ ދަށުގައި ކުރިން އޮތް ރަޤާގައެވެ.
އައި.އެސްގެ ހަމަލަތައް އިތުރުކޮށްފައި މި ވަނީ އެ ޖަމާޢަތުގެ އިސްވެރިއަކަށް ހުރި އަބޫ ޙުސައިން އަލް-ޙުސައިނީ އަލް-ޤުރައިޝީ މަރައިލާފައިވާ ކަން އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭނާގެ ބަދަލުގައި އަބޫ ޙަފްޞު އަލް-ހާޝިމީ އަލް-ޤުރައިޝީ އެ މަޤާމަށް ޢައްޔަންކޮށްފައިވާ ކަމުގައި އައި.އެސްއިން ބުނެއެވެ. ސޫރިޔާގައި އެ ޖަމާޢަތުން ދޭ ހަމަލަތައް އިތުރަށް ވަރުގަދަ ކޮށްފައި މި ވަނީ އަބޫ ޙަފްޞުގެ އަމުރަށް ކަމަށް ބެލެވެއެވެ.
އެ ޖަމާޢަތުގެ ކުރީގެ ލީޑަރު އަބޫ ޙުސައިން މަރައިލާފައި ވަނީ ސޫރިޔާގެ ހުޅަނގުއުތުރުގައިވާ އިދްލީބުގައި ހައިއަތު ތަޙްރީރް އަލް-ޝާމް (އެޗް.ޓީ.އެސް) ގުރޫޕާ ދެމެދު ހިނގި ކުރިމަތިލުންތަކެއް ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. ނަމަވެސް، އޭޕްރިލް މަހުގެ ތެރޭގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވަނީ އެ ޤައުމުގެ ޖާސޫސީ އިދާރާގެ ފައުޖުތަކުން ސޫރިޔާގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަބޫ ޙުސައިން މަރައިލާފައިވާ ކަން ހާމަކުރައްވާފައެވެ.
2014 ވަނަ އަހަރުގެ ތެރޭގައި އައި.އެސް ޖަމާޢަތުން ވަނީ އިރާޤާއި ސޫރިޔާގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އަދި، މުސްލިމުންގެ ޚިލާފަތެއް ގާއިމުކުރުމުގެ ނަމުގައި މަސައްކަތްތަކެއް ފަށައި، އެ ޖަމާޢަތާ ދެކޮޅު މީހުން މެރުން ޢާންމުކޮށްފައެވެ. އައި.އެސް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަކޮށް އިރާޤާއި ސޫރިޔާގެ ބިންތަކުން އެ ޖަމާޢަތުގެ ހަނގުރާމަވެރިން ފައްސައިލާފައި ވަނީ 2017 ވަނަ އަހަރުއެވެ. އަދި، އެ ޖަމާޢަތުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތައް މިނިވަން ކުރިއެވެ. ނަމަވެސް، އިރާޤާއި ސޫރިޔާގެ ބައެއް ސަރަޙައްދުތަކަށް އެ ޖަމާޢަތުގެ ހަނގުރާމަވެރިން ވަނީ ފިލާފައެވެ.
އަބޫ ޙަފްޞަކީ އައި.އެސް ޖަމާޢަތުގެ ފަސް ވަނަ އިސްވެރިޔާއެވެ. އަބޫ ޙުސައިންގެ ކުރިން އެ މަޤާމުގައި ހުރި އަބޫ ޙަސަން އަލް-ހާޝިމީ އަލް-ޤުރައިޝީ މަރައިލާފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އަދި، އޭގެ ކުރީގެ ލީޑަރު އަބޫ އިބްރާހީމް އަލް-ޤުރައިޝީ މަރައިލާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހު ސޫރިޔާގެ އިދްލީބްގައެވެ. އައި.އެސް ޖަމާޢަތުގެ އެންމެ ފުރަތަމަ ލީޑަރު އަބޫބަކުރު އަލް-ބަޣްދާދީ މަރައިލާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭނާ ވެސް މަރައިލާފައި ވަނީ އިދްލީބްގައި ދިން ހަމަލައެއްގައެވެ.