ޤާނޫނީ ވަކީލް އަޙުމަދު ނަޖީބު މަރާލިކަން ސާބިތުވެ މެރުމަށް ޙުކުމްކޮށްފައިވާ ފާތިމަތު ހަނާގެ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިކަން އަނެއްކާވެސް ހައިކޯޓުން އިއުލާން ކުރައްވައިފިއެވެ.
މިކަން އިޢުލާންކުރެއްވީ މިއަދު ހައިކޯޓުގައި ބޭއްވި މިމައްސަލައިގެ އަޑުއެހުމުގައެވެ. މިއީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވިކަން އެކޯޓުން އިޢުލާންކުރެއްވި ތިންވަނަ ފަހަރެވެ. މި މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗަށް ބަދަލު އަންނަ ކޮންމެ ފަހަރަކުވެސް މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވެއެވެ.
މ. މަސްރޫރާގޭގައި ކޮޓަރިއެއްގެ ތެރޭގައި އަތްފައި ބަނދެ ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ހަނާގެ އިތުރުން އޭނާއާ ގާތްގުޅުމެއް އޮންނަ އަޙުމަދު މުއްރަތުގެ މައްޗަށްވެސް މެރުމަށް ދަށުކޯޓުން ހުކުމްކޮށްފައިވެއެވެ. އަދި އެ މައްސަލަ އިސްތިއުނާފްކުރުމުން ހައިކޯޓުންވަނީ ދަށުކޯޓްގެ ހުކުމަށް ތާއީދުކުރައްވާފައެވެ.