ގޭގައި ތިބެގެން އާމްދަނީ ހޯދަން މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ ދައުލަތުން އެފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފާރިސް ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ވަރަށް ގިނަ މީހުންނަކީ ގޭގައި ތިބެގެން އަމިއްލައަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދާބައެއްކަމަށެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެވެސް ކާއެއްޗެއް ތައްޔާރުކޮށްގެން ނުވަތަ އަތްތެރި އެހެން މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދަން މަސައްކަތް ކުރާ މީހުންކަމަށެވެ. ފާރިސް ވިދާޅުވީ މިހާރުގެ އިޤްތިޞާދީ ގާނޫނުތަކާއި އޮނިގަނޑު އޮންނަގޮތުން އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަމެއް ދައުލަތުން ނުލިބޭ ކަމަށެވެ. އެހެންކަމުން ވިސްނުމަކީ މިފަދަ ފަރާތްތަކުން ކުރާ މަސައްކަތް ބަލައިގަނެ ދައުލަތުން އެމީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމް ކުރެއްވުން ކަމަށް ފާރިސް ވިދާޅުވިއެވެ.
" އަދި ހަމަ އެއާއެކު ވަރަށް މުހިންމު ކަމެއް އެމީހުން އެކުރާ މަސައްކަތުން އެމީހުންނަށް ބޭންކާއި ހިސާބަށް އިތުރަށް ފައިނޭންސް ހޯދޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުން. އޭގެ އިތުރުން އެމީހުން އެކުރާ މަސައްކަތުން އެލިބޭ އާމްދަނީގެ ކޮންމެވެސް ބައެއް އެމީހުން ޕެންޝަންގެ ގޮތުގައި ޖަމާކޮށް އަދި ހަމަ އެއާ އެއް މިންވަރަކަށް ދައުލަތުންވެސް ޖަމާކޮށްގެން އެމީހުންގެ މަސައްކަތުގެ އުމުރު ނިމޭއިރު އެމީހުންނަށް އެކަށީގެންވާ ޕެންޝަނެއް އެމީހުން މަސައްކަތް ކުރާ އުމުރު ހަމަވާފަހުންވެސް ލިބޭނެ ގޮތެއް އިންތިޒާމް ކުރުން" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވި ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީނުކޮށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މިއުޒިކް ކުޅޭ މީހުންނާއި ފޮޓޯ ނަގާމީހުންނަށްވެސް ބޭންކާ ހިސާބަށް ގޮސް ފައިނޭންސް ހޯދުން ވެފައިވަނީ ވަރަށް ދަތިކަމަކަށެވެ. އެހެންކަމުން މިފަދަ ފަންނީ މަސައްކަތް ކުރާ ފަރާތްތަކަށް ރަޖިސްޓްރީއެއް ގާއިމްކުރައްވައި އެމީހުން ކުރާ މަސައްކަތުން ލިބޭ އާމްދަނީ ބޭންކުން ބަލައިގަންނަ އެއްޗަކަށް ހައްދަވާނެ ކަމަށާއި އަދި އެއާމްދަނީގެ ނިސްބަތަށް ބައްލަވައި އެމީހުންނަށް ލޯން ދެއްވާނެ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.