ޚަބަރު

ކެމްޕޭނުގައި ދައުލަތުގެ ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރަން: މާރިޔާ


  • ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންނާއި ގާތުން ހަރަކާތައް ކުރިއަށްގެންދިއުމަށް

  • ރައީސް ވަނީ ކެމްޕޭން ހަރަކާތްތައް ކުޑަކޮށް މަޑުޖައްސަވާލެއްވުމަށްފަހު އަލުން ފަށްޓަވާފައި

  • އެމްޑީޕީން ކެމްޕޭނަށް ދައުލަތުުގެ ވަޞީލަތްތަކާއި މުވައްޒަފުން ނަހަމަގޮތުގައި ބޭނުންނުކުރާކަމަށް އެޕާޓީން ބުނޭ

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގައި ދައުލަތުގެ ވަޞީލަތްތަކާއި މުވައްޒަފުން ނަހަމަގޮތުގައި ބޭނުންނުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭން ތަރުޖާން މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕޭންގެ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން އެ ބޭފުޅުންގެ މުވައްޒަފުން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިކުރާކަމުގެ ތުޙުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މާރިޔާ ވިދާޅުވީ، އެ ބޭފުޅުން ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދަވަނީ އެބޭފުޅުން އަމިއްލަ ކަމަށާއި، އަދި މިހާރު ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގެ މަސައްކަތް ތަކުގައިވެސް ހަރަކާތްތެރިވަނީ އެ ބޭފުޅުންގެ ތެރޭގައި އުޅޭ އިސް ބޭޅުން ކަމަށެއެވެ.

ސިޔާސީ އެއްވެސް ހަރަކާތެއް ކުރަން ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ހަވާލުކޮށް ނުވަތަ މުވައްޒަފުންގެ ނަހަމަ ބޭނުން ނުކުރާކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރޭގައި ސުންގަޑި ސުންމިނެއްޓުގައި ނުކުމެގެން މަޖީދީމަގުގައި ދިދަ ދަމާލިއިރު އަޅުގަނޑުމެން މި ދަމަނީ. މީހުން ނެރެގެން މުވައްޒަފުންގެ ނަހަމަ ބޭނުންކޮށްގެން ކުރާ ކަމެއްނޫން މީ. ނޫނީ ބަޔަކަށް ކޮންޓްރެކްޓް އުސޫލުން ލާރިދީގެނެއްނޫން. އަޅުގަނޑުމެން ކެމްޕެއިން އަޅުގަނޑުމެން ގެންދަނީ އަޅުގަނޑުމެންގެ ކެމްޕެއިންގެ ހަރަކާތްތެރިން އެމީހުން އަމިއްލައަށް ނުކުމެގެން އެކަންކަން ކުރަނީ" މާރިޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދައުލަތުގެ މީޑިއާއިން އަދި އެނޫންވެސް ޗެނަލްތަކުން ބާއްވަން ނިންމާފައިވާ ރިސާސީ ބަހުސްގައި ރައީސް ޞާލިޙު ފެނިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ރައީސް ޞާލިޙު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ކެމްޕެއިންގެ ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށްފަހު ވަގުތު އޮވެއްޖެނަމަ، ޕްރޮގްރާމްތަކަށް ރައީސް ވަގުތު ދެއްވާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ރައީސް މިވަގުތު ވަޑައިގެން އުޅުއްވަނީ ބ. އަތޮޅެވެ. ބ. އަތޮޅަށްފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ރ. އަތޮޅުގެ ރަށްތަކަށެވެ.