ޚަބަރު

ދުވަސްވީ ފާރުގަނޑުތައް އަވަހަށް ރަނގަޅުކުރުމަށް ދޭ ފަރުވާ ގަމު ހޮސްޕިޓަލުން


  • އެޑްވާންސް ވުންޑް ކެއަރއަކީ ދުވަސްވީ ފާރުގަނޑުތައް ރަނގަޅުކުރުމަށް ދޭ ޒަމާނީ ފަރުވާއެއް

  • މި ޚިދުމަތުގެ ސަބަބުން ބަލިމީހުން މާލެ ފޮނުވާލަން ޖެހުން ނިމުމަކަށް އަންނާނެ

  • ޚިދުމަތް ދޭނީ އައިޖީއެމްއެޗްގެ ޓީމަކާ ގުޅިގެން

ދިގުމުއްދަތަށް ރަނގަޅުނުވެ ހަށިގަނޑިގައި ހުންނަ ފާރުގަނޑު ރަނގަޅުކުރުމަށް ދޭ ފަރުވާ "އެޑްވާންސް ވޫންޑް ކެއަރ"ގެ ފަރުވާ ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަށައިފިއެވެ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި މި ޚިދުމަތް ފަށާފައިވަނީ އައިޖީއެމްއެޗްގެ އެހީތެރިކަމާއެކުއެވެ.

މިޚިދުމަތް ފައްޓަވާދެއްވާ ވާހަކަދައްކަވަމުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝިޔާމް ވިދާޅުވީ، މީގެކުރިން އެޚިދުމަތް ގަމުން ނުވަތަ އެ ސަރަޙައްދުން ލިބެމުން ނުދާތީ ގިނަ ޢަދަދެއްގެ ބަލިމީހާ ފަރުވާއަށް މާލެ ފޮނުވަންޖެހޭކަމަށެވެ.

ނަމަވެސް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސަރުކާރުން މި ޚިދުމަތް ފެއްޓެވުން ވެގެންދަނީ، ރައްޔިތުންނަށް ލިބޭ ބޮޑު ލުޔަކަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ބޭސްފަރުވާގެ ނިޒާމު ފަސޭހަވެ، މިފަދަ ޚިދުމަތްތަކަށް އާއްމު މީހާ ކުރަންޖެހޭ ހޭދަވެސް ވަރަށް ބޮޑަށް ކުޑަވެގެން ދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިފަދަ ޕޭޝަންޓުން އައިޖީއެމްއެޗްއަށް މާލެ ފޮނުވަންޖެހެނީ. ބޮޑު ކިއުއެއްގައި ޖެހި ޚިދުމަތް ހޯދުމަށްވެސް ދަތި. ރަށުގައި ޚިދުމަތް ފެށުމުން މިއީ ލިބޭ ވަރަށް ބޮޑު ލުޔެއް." ޝިޔާމް ވިދާޅުވިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލަކީ އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތް އަތޮޅުތަކުގައި ފެށި 5 ވަނަ ހޮސްޕިޓަލެވެ. ގަމު ހޮސްޕިޓަލްގައި މިވަގުތަށް ޚިދުމަތް ދެމުން ދާނީ، އައިޖީއެމްއެޗްގެ މެޑިކަލް ޓީމްގެ އެހީތެރިކަމާއެކުއެވެ.

މިކަމުގައި އިސްކޮށް ހަރަކާތެރިވަމުންދާ އައިޖީއެމްޗްގެ ސަރޖަރީ ޑިޕަރޓްމަންޓްގެ ހެޑް ޑރ.މުޙައްމަދު ވަޙީދު ވިދާޅުވީ، ހަކުރު ބަލީގެ ސަބަބުން އުފެދޭ ފާރާއި، ދާންމަތިވެފައިވާ މީހުންނާއި، އަލިފާނުގެ ޙާދިސާތަކުގައި ފިހޭ މީހުންނަކީ، ފާރުތައް ރަނގަޅުކުރުމަށް ގަވައިދުން ފަރުވާ ބޭނުންވާ ބައެއްކަމަށެވެ. އެހެންކަމުން އެފަދަ މީހުންގެ ހަށިގަނޑުގައިވާ ފާރުތައް އަވަހަށް ރަނގަޅުކުރުމަށް އެޑްވާންސް ވޫންޑް ކެއަރ ޚިދުމަތުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެޑްވާންސް ވޫންޑް ކެއަރއަކީ، މިކަމަށް އެންމެ ޒަމާނީ ފަރުވާގެ ނިޒާމުކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ގަމު ހޮސްޕިޓަލްގައި ވޫންޑް ކެއަރ ކްލިނިކްގެ އޯޕީޑީގެ ޚިދުމަތް ހަފްތާއަކު އެއް ދުވަހު ދޭނެއެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމާއި، ފަރުވާ ދިނުމާއި ބޭސްއެޅުންފަދަ ޚިދުމަތްތައް ގަވައިދުން ކުރިއަށްގެންދާނެއެވެ.

"މި ޚިދުމަތް ދޭނީ ބަލިމީހާއަށް ތަކުލީފަކަށް ނުވާގޮތަށް. ކްލިނިކުން އެޕޮއިންޓްމަންޓް ހެދުމާއި، އަދި ދެން ދައްކަން ޖެހޭނެ ދުވަސްތަކުގެ ފޮލޯއަޕް އެޕޮއިންޓްމަންޓްތައްވެސް ޕޭޝަންޓް ރެޖިސްޓްރީމަ ކްލިނިކުން ހަމަޖައްސާނެ. އެހެންވީމަ އެޕޮއިންޓްމަންޓް ނުލިބިގެން ނުދެއްކިގެން މަޑުކުރާކަށް ނުޖެހޭނެ." ޑރ.މުޙައްމަދު ވަޙީދު ވިދާޅުވިއެވެ.

މި ޚިދުމަތް މިވަގުތު ދެނީ އައިޖީއެމްއެޗްގެ އެހީތެރިކަމާއެކު ނަމަވެސް، ގަމު ރީޖަނަލް ހޮސްޕިޓަލްގެ ނަރުހުންނާއި ޑޮކްޓަރުން މި ޚިދުމަތަށް ފުރިހަމައަށް ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެކަމަށް ބޭނުންވާ ބައެއް ޓްރެއިނިންތައް އެ ހޮސްޕިޓަލުގައި މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން ގަމު ރީޖަނަލް ހޮސްޕިޓަލާއި، އައިޖީއެމްޗްގެ ޓީމުން، ބަލިމީހުންގެ ޙާލަތާއި ޚިދުމަތާއިމެދު މަޝްވަރާ ކުރުމަށް ލިންކް ގްރޫޕެއްވެސް ވަނީ ހަދާފައެވެ.