ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ކޮމްޕިއުޓާރ ލެބްތައް ޒަމާނީފެންވަރަށް ބަދަލުކޮށް، ކުލާސްރޫމްތަކުގައި ސްމާޓް ބޯޑު އަދި ޓީވީ ހަރުކޮށް، ތަޢުލީމީ ނިޒާމް ޒަމާނީ ކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ނ. ހެނބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެއެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ކުރިއަތް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ މަގާމައް ވަޑައިގަނެވިއްޖެނަމަ، ރާއްޖޭ ތައުލީމީ ދާއިރާ މިހާރަށްވުރެއް ފުޅާކޮށް ކުރިއަރުވަން މަސައްކަތް ކުރައްވާނެކަމަށެއެވެ. އެގޮތުން ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދަރިވަރުންނަށް ދިނުމަށް ސުކޫލްތަކުގައި އެކަށޭނަ ވަސީލައްތައް ހުރުން މުހިންމު ކަމަށް ޤާސިމް ވިދާޅުވިއެވެ.
ސުކޫލްތަކުގައި ދަރިވަރުން ތައުލީމު ހާސިލް ކުރުމަށް ޒަމާނީ ފެންވަރުގެ ވަސީލައްތައް ޤާއިމްކޯށްދެއްވާނެކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ކޮމްޕިއުޓަރ ލެބްތައް ޒަމާނީކުރައްވާނެކަމަށެވެ. އަދި ކުލާސް ރޫމްތަކުގައި ސްމާޓް ބޯޑް ހަރުކޮށް، ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސް ރޫމެއްގައި ޓީވީ ހަރުކުރާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
"މިހާރުވެސް ކުލާސްރޫމްތައް އެއާރކޮންޑިޝަން ކޮއްދިނުމަކީ އަޅުގަނދުމެންގެ ވައުދެއް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި. އޭގެ އިތުރުން އަޅުގަނޑު ދައްނަވާލަން ހުރިހާ ކުލާސް ރޫމްތަކެއްގައި ހުރި ޒަމާންވެފައި ހުރި ކޮމްޕިއުޓާރ ސިސްޓަމްތައް އާދެ ކޮމްޕިިއުޓާރ ލެބްތައް އައު ކޮށްދިނުންމީ އައު ވައުދެއްގެ ގޮތުގައި އަޅުގަނޑު ރާއްޖޭގެ ހުރިހާ މަދަރުސާތަކެއްގައި ކޮށްދެއްވާނެކަމަށް ދައްނަވަން. އަޅުގަނޑު ރައިސުލްޖުމްހޫރިއްޔާގެ މަގާމައް އަތުވެއްޖެއްޔާ" ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
ހެނބަދޫގެ ތަރައްޤީއަށްވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ޤާސިމް ވަޢުދުވެވަޑައިގެންނެވިއެވެ. އެގޮތުން އެރަށުގެ ބިން ހިއްކާ، ރަށުގެ ރައްކާތެރިކަމަށް ތޮއްޓެއް ލާނެކަމަށް ވިދާޅުވިއެވެ. މި ކަމަކީ ރައްޔިތުއްނާއި ގުޅިފައިވާ މުހިންމު ކަމެއްކަމުން އެކަމަށް އިސްކަން ދެއްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ. މީގެ އިތުރުން ޒަމާނީ ފެންވަރުގެ ފުޓް ބޯޅަ ދަނޑެއް ޒުވާނުން ބޭނުންވާގޮތައް ތަރައްގީކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ކޮންމެ މީހަކުވެސް ވޯޓްލާންވީ ޕާޓީއަށް ބަލައިގެން ނޫންކަމަށެވެ. އޭގެ ބަދަލުގައި ކޮންމެ މީހަކުވެސް ގައުމަށް ވަފާތެރި ގައުމުދެކެ ލޯބިވާ ބޭފުޅަކު އިހްތިޔާރު ކުރުން މުހިންމުކަމަށް ގާސިމް ވިދާޅުވިއެވެ.