ވިޔަފާރި

ލަންކާއިން ރާއްޖެއަށް އަހަރަކު 50،000 ރުއް ހިލޭ ދެނީ


  • މިހާރު އިންދާ ރުއްތަކާއިއެކު ކާށި ކުރުނބާ ލިބުމަށް ދިމާވެފައިވާ ދައްޗަށް ހައްލު ލިބޭނެ

  • 4000 އަށްވުރެ ގިނަ ރުއް ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދާފަ

  • ރުއް އިންދަނީ ބިން ބޮޑު ރަށްރަށުގައި

ސްރީލަންކާގެ ސަރުކާރުން ރާއްޖެއަށް އަހަރަކު 50،000 ރުއް ހިލޭ ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރުކުގެ އައު ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމް" ށ. ގޮއިދޫގައި ފަށްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރުކުގެ އައު ޖީލެއް އުފެއްދުމަށް ސަރުކާރުން ރާއްޖޭގެ ބިން ބޮޑެތި ރަށްރަށުގައި ރުއް އިންދުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިއަހަރުގެ ކުރީކޮޅެވެ. މިއީ ރާއްޖެއިން ކުރުނބާ އަދި ކާށި ލިބުން ވަރަށް ބޮޑަށް ދަތިވެ ރާއްޖެއިން ބޭރުން މިތަކެތި އެތެރެކުރަން ޖެހުމުގެ ސަބަބުން ސަރުކާރުން ފެއްޓެވި ޕްރޮގްރާމެކެވެ.

ށ. ގޮއިދޫގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ މިވަގުތު ރާއްޖެއަށް ބޭނުންވާރަށް ކާށި ލިބުން ދަތިވެފައިވާތީ، ކާށި އިމްޕޯޓްކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ޓޫރިޒަމް ތަރައްޤީވެ ފުޅާވުމާއި ގުޅިގެން ކުރުނބަލަށް އޮތް ޑިމާންޑްވެސް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި، އެހެންކަމުން ރާއްޖޭގައި އެކަށީގެންވާ ވަރަށް ރުއް އިންދާ އާލާކުރަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދަޅުވިއެވެ. އެގޮތުން ރުކުގެ އައު ޖީލެއް ޤާއިމްކުރުމުގެ ޕްރޮގްރާމްގެ ދަށުން 5000 ރުއް މިހާރު ގެނެސް އޭގެތެރެއިން 500 ވަރަކަށް ރުއް ފިޔަވައި އެހެން ހުރިހައި ރުކެއް ރަށްރަށައް ބަހައި އިންދުމުގެ މަސައްކަތް ފުރިހަމަ ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި ރުކުގެ އައު ޖީލެއް އުފެއްދުމަށް ސަރުކާރުން ފައްޓަވާފައިވާ ޕްރޮގްރާމްގެ ދަށުން މިރަށުގައި (ށ. ގޮއިދޫ) 107 ރުއް އިންދުމަށް ހަމަޖެހިފައި މިއޮތީ. ވަރަށް ގިނަ ރުއް އަޅުގަނޑުމެންނަށް މިރަށައް ދެވިދާނެ އެކަމަކު މައްސަލައަކީ ރުއް ތަރުތީބުން އިންދާނެ ޖާގަ މިރަށުގައިވެސް ނެތްކަން. މިހާރު މިއިންދަނީ 20 ފޫޓު 20 ފޫޓު ދުރުމިނުގައި ހަތަރެސްކަން ގޮޅިއަށްވާގޮތައް. ރުއް ބޮޑުވާއިރުގައި ހުރިހައި ރުކަކަށް ޖާގަ ބޭނުންވޭ." މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ، ރުއް އާލާކުރުމުގެ ޕްރޮގްރާމް މިހާރު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށްގެންދިޔަ ނަމަވެސް އަންނަ އަހަރު މި ޕްރޮގްރާމް ފުޅާކޮށް ފަޅުރަށްތަކުގައިވެސް ރުއް އިންދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތް ކުރުމަށް ކޮންމެ އަހަރަކު ރާއްޖެއަށް 50،000 ރުއް ހިލޭ ދިނުމަށް ސްރީލަންކާއިން މިހާރު އެއްބަސްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަންނަ އަހަރު އެބަފަށަން މިއަށްވުރެ ފުޅާކޮށް ރާއްޖޭގެ ފަޅުރަށްތަކުގައިވެސް ތަރުތީބުން ރުއް އިންދުމުގެ މަސައްކަތް. ދާދިފަހުން ސިލޯނަށް ކުރި ދަތުރުގައި ސިލޯނު ސަރުކާރުން ވަނީ ރާއްޖެއަށް އަހަރަކު 50،000 ރުއް ދޭން އެއްބަސްވެފައި. އަޅުގަނޑުމެން އެދުނީ އެ ޤައުމުން ގަނެގެން ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ހޯދަން. އެކަމަކު އެބޭފުޅުން ބޭނުންވީ އަޅުގަނޑުމެންނަށް އެ އެއްޗެހި ހިލޭ ދޭން. ރަނގަޅު މަތިވަރު ލިބޭ ރަނގަޅު ރުއް ރާއްޖެއަށް ލިބެން އެބަހުރި. މިހާރު ކުރަންއޮތް ކަމަކީ ރާއްޖޭގެ ބިމުގައި ތަރުތީބުން ދުނިޔޭގެ އެހެން ތަންތަނުގައިވެސް ރުއް ހައްދާ އުސޫލުން އެ ރުއްތައް ހައްދަން ފެށުން.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި އިންދާ ރުއްތަކުގެ ސަބަބުން ކާށި އަދި ކުރުނބާ ނުލިބިގެން އުޅެންޖެހޭ ޖެހުމަށް ހައްލެއް ލިބިގެންދާނެކަމަށެވެ. މިހާރު އެ ރުއްތައް 2 އަހަރާއި ބައިގެ ތެރޭގައި ފޯދޭނެކަމަށާއި، ރަނގަޅަށް ފޯދިއްޖެނަމަ ގާތްގަނޑަކަށް އަހަރަކު 12 ނުވަތަ 13 އިހާ ކުރުނބާ އަޅާނެކަމަށެވެ. އެއީ ގާތްގަނޑަކަށް އިހަލެއްގައި 35 ނުވަތަ 40 ކުރުނބާ ކަމަށްވެސް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.