މިނިވަން ކެންޑިޑޭޓަކަށް ނޫނީ ކޮރަޕްޝަން ނުުއްޓުވޭނެކަމަށް ކުރިއޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަލްއުސްތާޒް ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.
ޒަމީލް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން، އެބޭފުޅުން ގެންގުޅުއްވާ ސިޔާސަތުތަކާއި، ތަޞައްވުރު އާއްމު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް އިން ގެނެސްދޭ "ކެންޑިޑޭޓުންގެ ގަޑި" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތައް އެމަނިކުފާނަށް ހުއްޓުވިދާނެކަމަށް ޤަބޫލުކުރައްވާ ސަބަބަކީ ކޮބާތޯ ވަނީ ސުވާލުކޮށްފައެވެ.
ސުވާލަށް ޖަވާބުދެއްވަމުން ޒަމީލް ވިދާޅުވީ މިނިވަން ކެންޑިޑޭޓެއް ގޮތުގައި އިންތިޚާބަށް ކުރިމަތިލެއްވީވެސް ކޯލިޝަން ސަރުކާރަކަށް ކޮރަޕްޝަން ފަދަ މައްސަލައެއް ނުބެލޭނެތީ ކަމަށެވެ. އަދި ކޯލިޝަން ސަރުކާރުތަކުން މައްސަލަ ބަލައި، ވަކިހިސާބަކުން މަޑުޖެހިފައި އޮންނަހެން އެމަނިކުފާނުގެ ސަރުކާރެއްގައި ނޯންނާނެ ކަމަށާއި މިނިވަންކަމާއެކު ހުރިހާ ކަމެއް ކުރިއަށްދާނެ ކަމުގައި ޒަމީލް ވިދާޅުވިއެވެ.
"އިންތިޚާބު އަޅުގަނޑަށް ކާމިޔާބުވެއްޖެ ކަމުގައިވާނަމަ އިރާދަކުރެއްވީޔާ މިނިވަންކަން އޮންނާނެ ހުރިހާ ކަމެއް ކުރުމުގައިވެސް. ކޯލިޝަނެއްގަވާހެން މައްސަލަ ބަލަމުން ގޮސް ކޯލިޝަންގެ ބައިވެރިއެއްގެ ގައިގައި ޖެހުނީމާ މައްސަލަ މަޑުޖެހޭ ތަނެއް ނާންނާނެ. އަޅުގަނޑަށް ޔަޤީންކަން އެބައޮތް އެކަން ކުރެވޭނެކަން. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް." ޒަމީލް ވިދާޅުވިއެވެ.
ޒަމީލް ވިދާޅުވީ އިންސާފު ޤާއިމްކުރުމަށްޓަކާ މިއީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި 2018 ވަނަ އަހަރު ބޭއްވި އިންތިޚާބުގައިވެސް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ މަރުތަކަށް އިންސާފު ލިބުމަށާއި، ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރުންކަމަށްވާއިރު، 2023 ގެ އިންތިޚާބާއި ހަމައަށް އައިރުވެސް އެކަން ނުވެއޮތްކަން ޒަމީލް ފާހަގަކުރެއްވިއެވެ.