ޚަބަރު

އިސްލާމީ ވަހުދަތު ހިމާޔަތްކޮށް ރައްކާތެރިކުރަން މަސައްކަތް ކުރާނަން: ފާރިސް


  • އިސްލާމީ ވަހުދަތު ހިމާޔަތްކޮށް ރައްކާތެރިކުރަން މަސައްކަތް ކުރާނަން

  • އިސްލާމް ދީނުގެ ސައްހަ އަޤީދާ ރައްކާތެރިކޮށްދެއްވާނެކަމަށް ފާރިސް ވިދާޅުވޭ

  • އިލްމުވެރިން އިތުރުކޮށް އެފަދަ ފަރާތްތަކަށް ސްކޮލާޝިޕްގެ ފުރުޞަތުތައް ފަހިކޮށްދޭން ޖެހޭ

އިސްލާމީ ވަހުދަތު ހިމާޔަތްކޮށް ރައްކާތެރިކުރަން މަސައްކަތް ކުރައްވާނެކަމަށް އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްގައި ވާހަކަދައްކަމުންނެވެ.

ފާރިސް ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯ އެކުލަވާލުމުގައި އެންމެ އިސްކަމެއް ދިނީ އިސްލާމްދީނުގެ ވަހުދަތު ދިވެހި ޤައުމުގައި ޤާއިމްކޮށް ބޭވުމަށްކަމަށެއެވެ. އަދި އިސްލާމްދީން ނޫން އެހެން ދީނަކަށް ނުވަތަ އިތުރު ވިސްނުމަކަށް އިތުރު ފުރުޞަތެއް ނުދިނުމަށް ކަމަށެވެ. ފާރިސް ވިދާޅުވީ ބަދަލުވަމުންދާ ދުނިޔޭގައި އިސްލާމީދާނާއި ދޭތެރޭ ތަފާތު ވިސްނުންތަކުގެ އެކި ބޭފުޅުން މި ދުނިޔޭގައި ފެންނަމުން ދާކަމަށެއެވެ. އެހެންކަމުން މިފަދަ ފަރާތްތަކުގެ ކިބައިން މުޖްތަމައު ސަލާމަތް ކުރުމަކީ ކުރުން ވާޖިބު ކަމެއްކަމަށެއެވެ.

ފާރިސް ވިދާޅުވީ އިސްލާމް ދީނުގެ ސައްހަ އަޤީދާ ދެމެހެއްޓުމަށްޓަކައި ދީނީ ސިޔާސަތުތަކެއް ކަނޑައެޅުމަކީ ކުރުން މުހިންމު ކަމެއްކަމަށެއެވެ. އެގޮތުން މި ސިޔާސަތަކަކީ ސަރުކާރުގެ ހުރިހާ ސިޔާސަތުތަކާއި އެއްގޮތް ވާންޖޭހޭނެކަމަށް ފާރިސް ވިދާޅުވިއެވެ. ފާރިސް ވިދާޅުވީ، އިސްލާމްދީނުގެ ސައްހަ އަޤީދާ ރައްކާތެރިކޮށް ރައްޔިތުންނަށް ހާމަކޮށްދޭން ބަޔަކު އުފައްދާ އެމީހުންނަށް ރައްކާތެރިކަން ދޭންޖެހޭކަމަށެވެ. މީގެ އިތުރުން މުޖްތަމައުގައި އިލްމުވެރިން އިތުރުކޮށް އެފަދަ ފަރާތްތަކަށް ސްކޮލާޝިޕްގެ ފުރުޞަތުތައް ފަހިކޮށްދޭން ޖެހޭކަމަށެވެ.

"މިކަންކަމަކީ އަޅުގަނޑުމެންގެ ސަރުކާރަކަށް ލާޒިމް ކަންތައްތައް. އެގޮތުން އަޅުގަނޑުމެން އިސްލާމްދީނާއި ހިލާފް ކަންތައްތައް މުޖްތަމައު ތެރެއިން ނައްތާލަންވެސް އެބަޖެހޭ. އަދި އޭގެ އިތުރުން އެހެން ދީންތައް ނޫނިއްޔާ ދީން ޤަބޫލް ނުކުރާ މީހުން ރާއްޖޭގައި ކުރަމުންދާ ކަންތައްތައް ހުއްޓުވަން ޖެހޭ" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ މި ޒަމާނުގައި މިނިވަންކަން ގެއްލިގެން ދަނީ އަސްކަރީ ހަމަލާތަކެއް ދީގެން ނުވަތަ ޤައުމުގެ ބައެއް ފަތަހަކޮށްގެން އެކަނި ނޫންކަމަށެއެވެ. ސިޔާސީ ބޭނުންތަކުގައި ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ބާއްވާ ގުޅުމުގެ ސަބަބުންވެސް މިނިވަންކަމަށް އަސަރުކުރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ އަމަންއާމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް އިސްލާމީ އުއްމަތެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ފާރިސް ވިދާޅުވިއެވެ.