ޚަބަރު

އަމާޒަކީ ހިންނަވަރު ބަނދަރުގައި ހަދާފައިވާ ޕޯޓު ކޮމާޝަލް ޕޯޓަކަށް ބަދަލުކުރުން: ރައީސް


  • ހިންނަވަރަށް އުމްރާނީ ތަރައްޤީ ނައިސް އޮތުމުން ކަންބޮޑުވުން ފާޅުކުރެއްވި

  • ސްކޫލްއަށް ކްލާސްރޫމްތައް އިތުރުކޮށް ރަނގަޅު ބަދަލެއް ގެންނާން

  • ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދާނަން

ބޭރުގެ ބޯޓުފަހަރުތަކަށްވެސް ޚިދުމަތް ދެވޭ ފެންވަރަށް ހިންނަވަރު ބަނދަރުގައި ހަދާފައިވާ ޕޯޓު ކޮމާޝަލް ޕޯޓަކަށް ބަދަލުކުރުމަކީ އަމާޒެއްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުފުޅުގައި އުފަން ރަށް، ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް ޞާލިޙް ވަނީ ހިންނަވަރުގެ ބޮޑު އާބާދީއާއެކުވެސް މިހާތަނަށް އެރަށަށް ޢުމްރާނީ ގޮތުން ކުރިއެރުން ނާންނާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ހިންނަވަރަކީ ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް އޮތް ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެފަދަ މައްސަލަތަކާ ހުރެ އާބާދީގެ ގިނަ ބަޔަކު މާލޭގައި ދިރިއުޅެމުން އަންނަކަމަށެވެ. އަދި މި ވޭތުވެދިޔަ ސަރުކާރުތަކުން އެރަށަށް އިޙްމާލުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އުމްރާނީ ތަރައްގީ ނައިސް އޮތް ސަބަބާ މެދު ވިސްނާލާ. ގެއެއް ބަހަން ވިޔަސް މީހަކަށް ނުލިބޭ 100 އަކަފޫޓު ވެސް. ކިހިނެއްތޯ މި ތަންތަން ހަދާނީ. ހުދު އަޅުގަނޑުމެންގެ ގެ ބެހިޔަސް ކުއްޖަކަށް ލިބެނީ 200 އަކަފޫޓު." ރައީސް ވިދާލުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ ދެވަނަ ދައުރުގައި ހިންނަވަރަށް ކޮށްދެއްވާނެ ކަންތައްތައް ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެރަށަށް ބިން އިތުރުކޮށްދީ އެ ބިމުގައި 200 ހައުސިން ޔުނިޓް ނުވަތަ ރޯހައުސް އަޅުއްވާނެކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެރަށުން ހިއްކާފައިވާ ސަރަޙައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅާދެއްވާނެކަމަށާއި ހޮސްޕިޓަލްގެ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހިންނަވަރު ބަނދަރުގައި ހަދާފައިވާ ޕޯޓު އަދިވެސް އިތުރަށް ތަރައްޤީކުރަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަމާޒަކީ އެ ބަނދަރުގައި ހަދާފައިވާ ޕޯޓު ކޮމާޝަލް ޕޯޓަކަށް ބަދަލުކުރެއްވުން ކަމަށެވެ. އަދި އެތަނުން ބޭރުގެ ބެޑެތި ބޯޓުފަހަރުތައް އައިސް މުދާ ބޭލޭ ތަނަކަށް ހެދުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ދެވަނަ ދައުރުގައި ހިންނަވަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ސްކޫލްއަށް ކްލާސްރޫމްތައް އިތުރުކޮށް ބޮޑު ބަދަލެއް އެ ސްކޫލްއަށް ގެންނަވާނެކަމަށް ވިދާޅުވެފައެވެ. އަދި ފުޓްސްލް ދަނޑެއް ތަރައްޤީކުރައްވާނެކަމަށާއި ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަޅު އެރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމަނުއްވާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.