ދުނިޔެ

ޔަމަނު ހަނގުރާމައިގެ ބޮޑެތި އޮޕަރޭޝަންތައް މިހާރު ނިމިއްޖެ


ސަޢޫދީ ޢަރަބިއްޔާ އިސްކޮށް އޮވެގެން އެކުލަވާލާފައިވާ ޢަރަބި އިއްތިޙާދުން ޔަމަންގައި ހިންގާ ހަނގުރާމައިގެ ބޮޑެތި އޮޕަރޭޝަންތައް މިހާރު ނިމިފައިވާކަމަށް ސަޢޫދީ ޢަރަބިޔާއިން ބުނެފިއެވެ. ސަޢޫދީ އަސްކަރީ ތަރްޖަމާން ބްރިގޭޑިޔަރ އަޙްމަދުލް އުސައިރީ ވިދާޅުވީ މިހާރު ހަނގުރާމަ ކުރިޔަށްދަނީ ޔަމަންގެ ވަރަށް މަދު ސަރަޙައްދުތަކެއްގައި ކަމަށާއި އަދި ހަނގުރާމައިގެ ބޮޑެތި އޮޕަރޭޝަންތައް ނިމިފައިވާ ކަމަށެވެ.

އުސައިރީ ވިދާޅުވީ ޢަރަބި އެލަޔަންސުން މިހާރު މަސައްކަތްކުރަނީ ޔަމަންގެ ރައީސް ޢަބްދުއްރައްބު މަންސޫރު ހާދީއަށް ވަފާތެރި ބާރުތަކުން ޔަމަންގެ ސަރަޙައްދުތައް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމަށެވެ. އަދި ޔަމަނާއި ސައޫދީ އަރަބިއްޔާގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ހަނގުރާމައިގެ އެއްވެސް ޙަރަކާތްތަކެއް މިހާރު ކުރިޔަށްނުދާ ކަމަށްވެސް އުސައިރީ ވިދާޅުވިއެވެ.