ވެރިކަމުގެ ދެވަނަ ދައުރެއްގައި ކުޅުދުއްފުށި ސިޓީގައި ޔޮޓް މެރީނާތަކާއި ކުރޫޒްލައިނަތަކަށް ޚިދުމަތް ދެވޭނެގޮތް ހައްދަވައިދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އެ ސިޓީއަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙާބާއެއް ކިޔާވަފައެވެ. އެގޮތުން އެމަނިކުފާނަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ބަނދަރު ސަރަޙައްދަށް ޖަމާވިކަން ފާހަގަކޮށްލެވެއެވެ.
އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން މިރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ބޮޑުތިލަދުންމަތި ތަރައްޤީކުރާއިރު ކުޅުދުއްފުށި ސިޓީއަށް ބޮޑު ބަދަލެއް އަންނަންޖެހޭ ކަމަށެވެ. ރައީސް ޞާލިހް ވަނީ އެ ސިޓީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 1000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށާއި ދެވަނަ ދައުރުގައި ކުޅުދުއްފުށި އިތުރަށް ހިއްކެން އޮތް މިންވަރަކަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރައްވާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ރިކްރިއޭޝަނަލް ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ކައިރި ރަށްރަށުން ތަކެތި ވިއްކުމަށް އަންނަ ފަރާތްތަކަށް ޚާއްސަކޮށް ކޮމާޝަލް ބަނދަރެއް ހައްދަވައިދެއްވާނެ ކަމަށާއި މިހާރު ހަދަމުންދާ މަގުތަކާއެކު ބާކީ ހުރި ހުރިހާ މަގުތަކެއް ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުނބުރުދުއަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ހަދައި ބޯޓް ބިލްޑިން މަސައްކަތަކާއި ގުދަންކުރުމާއި ޕެކިން ކުރާ ތަނެއްގެ ގޮތުގައި ތަރައްޤީކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިހް ވިދާޅުވީ ކުޅުދުއްފުށިން ކްރޫޒްލައިނާތަކަށާއި ޔޮޓް މެރީނާތަކަށް ޚިދުމަތް ދެވޭގޮތަށް ހައްދަވާނެ ކަމަށެވެ. އަދި އެ ސިޓީގެ ރައްޔިތުން ދަތުރު ދިއުމަށް ކައިރިން ޕިކްނިކް އައިލެންޑެއް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކުޅުދުއްފުށީ ރައްޔިތުން އެދުނު ފަދައިން، ލޯކަލް ޓުއަރިޒަމް ތަރައްގީކުރުމަށް އެ ސަރަހައްދަށް ޚާއްސަ ސްކީމެއް ތައާރަފްކުރާނަން. އަމާޒަކީ ބޮޑު ތިލަދުންމަތީގައި 5000 އެނދު ތަރައްގީކުރުން . ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް ކުރާ މަސައްކަތަކާއެކު ހެޔޮ ބޮޑު ބަދަލެއް އަންނާނެ." ރައީސް ޞާލިހް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ ރައްޖެއިން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން 2026 ވަނަ އަހަރަށް ހަމަވާ ދަރަނި ދައްކަވާނެ ގޮތުގެ ފުރިހަމަ ޕްލޭނެއް އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި މާލީ އެހީދޭ އިދާރާތަކުގެ އިތުބާރު ސަރުކާރަށް އެބައޮތްކަމަށާއި، ނަގާ ފައިސާ އަނބުރާ ދެއްކޭނެކަމުގެ ޔަޤީންކަން އޮތްނަމަ ލޯނުގެ އެހީތައް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ 2 ވަނަ ދައުރެއްގައި ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދިއުމަށް ވަޢުދުވާ ކަންތައްތަކަށް މިހާތަނަށް 31 ބިލިޔަން ރުފިޔާ ޚަރަދުވާކަން ފާހަގަކުރައްވާފައެވެ. އަދި އިޤްތިޞާދު ދެގުނަވުމާއެކު ލޯނުތައް ދައްކާ ވަޢުދުތައް ފުއްދޭނެކަމަށް ވިދާޅުވިއެވެ.