ޚަބަރު

އަހަރު ނިމުމުގެ ކުރިން އަލިފުށީ އެއަރޕޯޓްގެ ނިންމަވައި، ބޮޑެތި މަޝްރޫޢުތަކެއް ފަށްޓަވާނެ


  • މޫދަށް އެރޭނެ އާޓިފިޝިއަލް ބީޗެއް ތަރައްގީ ކުރައްވާނެކަމަށް ވިދާޅުވި

  • ހޮސްޕިޓަލްގެ މަސައްކަތް ލަސްތަކެއްނުވެ ފަށާނެކަމަށް ވިދާޅުވި

  • ޒަމާނީ ލައިސަންސް ޓްރެކެއް ގާއިމްކުރައްވާނެކަމަށް ވިދާޅުވި

ކުރިއަށް އޮތް ދައުރުގައި އަލިފުށީ ބިން ހިއްކާ ނިންމައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރަށް ބޮޑެތި އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުފުޅުގައި ރ.އަތޮޅުގެ ފަހު މަންޒިލެއްގެ ގޮތުގައި އަލިފުއްޓަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ދައުރުގެ ތެރޭގައި އަލިފުއްޓަށް ގެންނަން ބޭނުންފުޅުވާ ތަރައްގީގެ މުހިންމު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އަންނަ ދައުރުގައި އަލިފުށީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމަށާއި، އެއާއެކު މޫދަށް އެރޭނެ އާޓިފިޝަލް ބީޗެއް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އަލިފުށީ އެއަރޕޯޓު ނިމޭއިރު ކުނި މެނޭޖްކުރާ ނިޒާމް ގާއިމްކުރުމަށް އިތުރު 1 ހެކްޓަރުގެ ބިން ހިއްކަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ ދައުރުގައި ބޯހިޔާވަހިކަމަށް ފުލެޓް ނުވަތަ ރޯހައުސް އަޅުއްވާނެ ކަމަށެވެ. އަދި މިހާރު ހަދަން ކޮންޓްރެކްޓް ކުރެވިފައިވާ މަގުތަކުގެ އިތުރުން އަންނަ ދައުރުގައި އިތުރު މަގުތަކުގައި ތާރު އަޅުއްވައި ދެއްވާނެކަމަށާއި ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް އަޅުއްވައިދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ އަލިފުށީ އެއަރޕޯޓަކީ ރަށުގެ ރައްޔިތުންގެ އުއްމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫއު ކަމަށެވެ. އެހެންކަމުން އެމަސައްކަތް އަވަހަށް ނިންމެވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އަލިފުށީ އެއަރޕޯޓްގެ މަސައްކަތް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.

" ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ޔުނިޓެއް ގާއިމްކުރާނަން. ރިސޯޓަކަށް އިއްތިގިލި ބަދަލުކުރުމުގެ މަސައްކަތް އަދިވެސް ކުރާނަން. އައު އިންޖީނުގެއާއެކު ޚިދުމަތް ރަނގަޅުކޮށް ސްކޫލް މަލްޓިޕަރޕަސް ހޯލާއި ހުކުރު މިސްކިތް އޭސީ ކޮށްދޭނަން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ އަލިފުށީ ސްކޫލްގައި ސައިންސް ލެބް ތަރައްގީ ކުރައްވާނެކަމަށާއި އިންޑޯ އަދި އަޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ފަށްޓަވާނެކަމަށާއި އަލިފުށީގައި ޒަމާނީ ލައިސަންސް ޓްރެކެއް ގާއިމްކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.