މުޅި އޭޝިއާގައި ވޮލީގެ ފުރަތަމަ ރެޑްބުލް އެތުލީޓަކަށް ރާއްޖޭގެ އިސްމާއިލް ސާޖިދު ހަމަޖައްސައިފިއެވެ.
ގައުމީ ވޮލީ ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާކަމަށްވާ އިސްމާޢީލް ސާޖިދު ކުޑަކާއްޓޭ އާއެކު ރެޑްބުލްއިންވަނީ ރެޑްބުލްގެ އެތުލީޓަކަށް ހަމައްޖައްސާ ކާއްޓޭ އާއެކު ޕާޓްނަރ ޝިޕް އެގްރީމެންޓް ހަދާފައެވެ. ރެޑްބުލް އެތުލީޓަކަށްވުމުން ސާޖިދު ބުނީ ވޮލީގައި ކުރިއަށްދިއުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށެވެ.
ރެޑްބުލްގެ އެތުލީޓަކަށް ސާޖިދު ހަމަޖެއްސުމަކީ ހަމައެކަނި އޭނާ އަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި އޭނާ ނުދެކެ އެވެ. ސާޖިދު ގަބޫލްކުރާ ގޮތުގައި މިއީ ރާއްޖޭގެ ވޮލީބޯޅަ އާއިލާ އަށް ލިބުނު ރީތި ނަމެކެވެ. ސާޖިދު ބުނީ މި ފުރުސަތު ބޭނުން ހިފައި، ވޮލީބޯޅައަށް އިތުުރު ކުރިއެރުންތަކެއް ހޯދަން އޭނާ މަސައްކަތްކުރާނެ ކަމަށެވެ.
"މި ޕާޓްނަޝިޕްގެ ދަށުން އެބަހުރި ވަރަށް ގިނަ ކަންތައްތަކެއް ރޭވިފައި. އަޅުގަނޑު ބޭނުންވަނީ މި ފުރުސަތުގެ ބޭނުންކޮށްގެން، ވޮލީއަށް އިތުުރު ކުރިއެރުންތަކެއް ހޯދައިދޭން. އެއީ ހާސިލްކުރަން ބޭނުންވާ ކަމަކީ، މި ޕާޓްނާޝިޕާއެކު މި އަހަރު އިތުރު ކާމިޔާބީތަކެއް ހޯދުމަށް އިތުރު ހިތްވަރެއް ލިބިއްޖެ. އަސްލު ވަރަށް ބޮޑު މޯޓިވޭޝަނެއް މިއީ. ރެޑްބުލްއިން ވެސް އަޅުގަނޑުގެ ޕާފޯމަންސް ބަލާނެ. އެހެންކަމުން މި އަހަރު އިތުރު ކާމިޔާބީތަކެއް ހޯދުމަށް ލިބުނު މޯޓިވޭޝަނެއް މިއީ،" ސާޖިދު ބުންޏެވެ.
ސާޖިދު ވޮލީގެ ތެރެއަށް ވަނީ ވަރަށް ޒުވާން އުމުރެއްގަ އެވެ. ޝާހުއަށް ވޮލީގެ ހުނަރުތައް ކުރިއަށް ޖައްސާލުމުގެ ފުރުސަތު ލިބުނީ ރާއްޖޭގެ ޖޫނިއާ ވޮލީ ޕޫލުންނެވެ. އޭރު ސާޖިދު އަށް އިރުޝާދުދިން ކޯޗުންނަށް ވެސް އޭނާގެ ހުނަރުވެރިކަން ފާހަގަކުރެވުނެވެ. ފުރަތަމަ ޑިވިޝަންގައި ސާޖިދުއަށް ފުރަތަމަ ތަޖުރިބާ ލިބުނީ 2008 ވަނަ އަހަރު ބަނޑޮސް ޓީމުންނެެވެ.
ސާޖިދު ނިސްބަތްވަނީ ވޮލީގެ އާއިލާއަކަށެވެ. ސާޖިދުގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ސާޖިދު (ކާއްޓޭ) އަކީ ކުރިން ރާއްޖޭގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން ކުރިން ކޮށްފައިވާ ކާއްޓޭ މިހާރު ވޮލީގައި ހަރަކާތްތެރިވަނީ ކޯޗެއްގެ ގޮތުގަ އެވެ. ސާޖިދު ވޮލީގައި ކުރިއަށް ދިއުމަށް އަބަދު ވެސް ކާއްޓޭގެ ފަރާތުން އެހީތެރިކަން ލިބޭ ކަމަށް ސާޖިދު ފާހަގަކުރެ އެވެ.
ސާޖިދު ވަނީ ކުރިން ބާސްކެޓްގައި ވެސް ފާހަގަކުރެވިފަ އެވެ. ބާސްކެޓްގައި ކުރިއަށް ދިއުމުގެ ފުރުސަތު ވެސް ސާޖިދު އަށް އޮތެވެ. އެކަމަކު ވަރަށް ގިނަ ކަންތައްތަކަށް ވިސްނުމަށް ފަހު، ސާޖިދު ނިންމީ ވޮލީ އަށް ހުސްވުމަށެވެ. އޭގެ ނަތީޖާ ވަނީ ވަރަށް ރަނގަޅަށް ފެނިފަ އެވެ.
ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމާއެކު ވެސް ސާޖިދު ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. ނޭޕާލްގައި 2013 ވަނަ އަހަރު އޮތް އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލްގައި ވާދަކޮށް، ވޮލީގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގެ މެޑައްޔެއް ގައުމީ ޓީމުން ހޯދިއިރު، އެ މުބާރާތުގައި ސާޖިދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބަންގްލަަދޭޝްގައި މިދިޔަ އަހަރު އޮތް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުން ރާއްޖެ ބަލިވިޔަސް، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ރާއްޖެއަށް ލިބުނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ސާޖިދު ހޯދުމުންނެވެ. 2014 ވަނަ އަހަރު ދެކުނު ކޮރެއާގައި އޮތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ހޯދީ ވެސް ސާޖިދު އެވެ.
މީގެ އިތުުރުން ފާއިތުވެ ދިޔަ ހަތް އަހަރު، އަޝްފާގް އާދަމް (އައްކަޅޭ) އާ އެކު ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސާޖިދު އެވެ.
ސާޖިދު އަކީ ހަވީރުން ހޮވި މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިޔާ އެވެ.
ސާޖިދު އަކީ މި ވަގުތު ރާއްޖޭގައި ހުރި ރެޑްބުލްގެ ހަމައެކަނި އެތުލީޓެެވެ. ރެޑްބުލް އިން ދަނީ ވޮލީގެ އިތުރުން އެހެން ކުޅިވަރުތަކުގެ އެތުލީޓުންނަށް ވެސް ސަމާލުކަން ދެމުންނެވެ. ރެޑްބުލް އިން އަންނަނީ ދުނިޔޭގެ އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ އެތުލީޓުންނާއެކު ޕާޓްނަރޝިޕް އެގްރީމެންޓް ހަދަމުންނެވެ،