އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅިގެން ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 51 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅިގެން އިއްޔެ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް 26 މައްސަލަ ލިބިފައިވާކަމަށެވެ. އަދި ސިޓީ، އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅި 25 މައްސަލައާއެކު ޖުމުލަ 51 މައްސަލަ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހަޅާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
މިމައްސަލަތަކުގެ ތެރޭގައި ކެމްޕޭން ކުރުމާގުޅޭ 3 މައްސަލައަކާއި އޮބްޒާވަރުންނާ ގުޅޭ މައްސަލައަކާއި، ވޯޓުލުމުގެ ހައްޤާގުޅޭ 10 މައްސަލައެއް ހިމެނެއެވެ. އަދި ރަޖިސްޓްރޭޝަނާ ގުޅޭ 8 މައްސަލައަކާއި އޮފިޝަލުންނާ ގުޅޭ 11 މައްސަލައަކާއި ވޯޓުގެ ސިއްރުކަމާ ގުޅޭ 14 މައްސަލައާއި ރިޝްވަތު ދިނުމާ ގުޅޭ 2 މައްސަލައިގެ އިތުރުން އެހެނިހެން 2 މައްސަލައެއް ހުށައަޅާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ މި މައްސަލަތަކާ ގުޅިގެން ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ހައްލުކުރެއްވިކަމަށެވެ. އަދި ތަޙްޤީޤު ކޮށްގެން އިތުރަށް ބަލަންޖެހޭ މައްސަލަތައް ތަޙްޤީޤް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން އާއްމުގޮތެއްގައި ދިޔައީ ވަރަށް އަމާންކަމާއެކުގައެވެ. އެހެންނަމަވެސް ބައެއް ސަރަޙައްދުގައި ވޯޓުލުން ކުރިއަށްދިޔަ ވަގުތުތަކުގައި ކުދިކުދި މައްސަލަތައް ދިމާވެ ބައެއް ތަންތަނުގައި ކުޑަ ވަގުތުކޮޅަކަށް ވޯޓުލުން މެދުކަނޑާލަން ޖެހުނެވެ. އަދި ވޯޓު ގުޅުން ކުރިއަށްދިޔަ ވަގުތުތަކުގައިވެސް ބައެއްކަހަލަ މައްސަލަތައް ދިމާވިކަންވެސް ފާހަގަކުރެވެއެވެ.