ސިފައިންގެ ތެރެއިން ވަކި ގޮތަކަށް ފިކުރު ހުންނާތީކަމަށްބުނެ ވަޒީފާއިން ބައެއް މީހުން ވަކިކުރަމުން ގެންދާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއްކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ސިފައިންގެ ޤާނޫނުގެ ދަށުން ހަދާފައިވާ 'ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާއިބެހޭ ޤަވާޢިދު' ގެ ދަށުން، އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށްޓަކައި، ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޢަސްކަރީ އަދުލުގެ ނިޒާމެއް 2021 ނޮވެމްބަރ 3 ވަނަ ދުވަހު ވަނީ ތަޢާރަފް ކުރެވިފައިވާކަމަށެވެ.
މިނިޒާމް ތަޢާރަފް ކުރެވުމާއެކު ޢަސްކަރީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލާ ތަޙްޤީޤްކޮށް ފޮނުވަމުންދަނީ މިލިޓަރީ ޖަސްޓިސް ކައުންސިލަށްކަމަށާއި، އެކައުންސިލުން މައްސަލަތައް ނިންމުމުގައި މައްސަލަ ރައްދުވާ ސިފައިންގެ މީހާއަށް ފުރިހަމައަށް ޖަވާބުދާރީވާނެ ފުރުޞަތާއި ބޭނުންވާނަމަ ޤާނޫނީ ވަކީލުންގެ އެހީތެރިކަންދީ ދިފާޢުވުމުގެ ފުރިހަމަ ފުރުސަތުވަނީ ފަހިކޮށްދީފައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި މިލިޓަރީ ޖަސްޓިސް ކައުންސިލުން ނިންމާ ނިންމުންތައް، މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލަށް އެޕީލްކުރުމުގެ ފުރުޞަތުވެސް މައްސަލަ ރައްދުވާ ފަރާތަށް ލިބިދޭކަން އެމްއެންޑީއެފުން ފާހަގަކުރައްވައެވެ.
މީގެ އިތުރުން އެންމެ ފަހު މަރުޙަލާއެއްގެ ގޮތުން މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލުގެ ނިންމުން، މުރާޖަޢާކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ނިޒާމުގެ ތެރެއިން މައްސަލަތައް ތަޙްޤީޤްކުރާ ފަރާތްތަކާއި މައްސަލަ ނިންމާ ކައުންސިލްތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި މިނިވަންކަމާ އަދުލުވެރިކަމާއެކު ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރުވަނީ ލިބިދީފައިކަމުގެ ޔަޤީންކަން އެމްއެންޑީއެފުން ދެއްވައެވެ. އެހެންކަމުން، ޢަސްކަރީ އަދުލުގެ ނިޒާމް މިހާރު ހަމަޖެހިފައިވާގޮތުން ސިފައިންގެ މީހަކާމެދު މިނޫންގޮތަކަށް ފިޔަވަޅު އެޅުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނުލިބޭނެކަމަށާއި، މިނިޒާމުގެ ބޭރުން އެއްވެސް ސިފައިންގެ މީހަކާމެދު ފިޔަވަޅު އަޅަމުން ނުދާކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އެފަދަ ގޮތަކަށް ޢަމަލުކުރުމަށް ސިފައިންގެ ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު އެއްވެސް އިރުޝާދެއް ދެއްވާފައިނުވާކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ޤައުމީ ދިފާޢީ ބާރުން ވަނީ، ސިފައިންނަކީ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސިފައިންގެ ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް ޢަމަލުތައް ބަހައްޓާ، ޢަސްކަރީ ރިވެތި ޢަޚްލާޤެއްގެ މަތީގައި ސާބިތުވެ ތިބެންޖެހޭ ބައެއްކަން ފާހަގަކުރައްވާ، މިނޫންގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް ހިތްވަރުލިބޭފަދަ ދޮގު ޚަބަރުތައް އެއްވެސް ފަރާތަކުން ނުފެތުރުއްވުމަށް އިލްތިމާސްކުރައްވާފައެވެ.