ޚަބަރު

މަސް ގަންނަ ނިސްބަތް %42އަށް އިތުރުކޮށް، 4.4 ބިލިއަން ރުފިޔާ ދޫކޮށްފި


  • މަސް ގަންނަ ނިސްބަތް 42 އިންސައްތަ އިތުރުވެއްޖެކަމަށް

  • މަސްކިލޯއެއްގެ އަގު 25ރއަށް ވަނީ ބޮޑުކޮށްފަ

  • މަސް އެކްސްޕޯޓްކުރުމަށް ނަގާ ޓެކްސް ކުޑަވާނެކަމުގެ ޔަޤީންކަން

ކުރީ ސަރުކާރުގެ ފަސް އަހަރަށްވުރެ މިސަރުކާރުގެ ފަސް އަހަރު މަސްވެރިންގެ އަތުން މަސްގަނެފައިވާ މިންވަރު %42 އިތުރުކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކުރެއްވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސްގަންނަ އަގު ބޮޑުކުރުމާއި ގުޅިގެން އެކަމުގެ ތަފްސީލް ހިއްސާކުރައްވަމުންނެވެ.

ސަރުކާރުން ވަނީ މަސް ކިލޯއެއް 25ރއަށް ބޮޑުކޮށްފައެވެ. މީގެ ކުރިން މަސް ކިލޯއެއް ގަންނަމުން އައީ 17ރުފިޔާއަށެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ރިޔާޟް މަންސޫރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތެކޭ އެއްފަދައިން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހިންވެސް ވަރަށް ގިނަކަމަށެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުމަށް މި ދާއިރާއަށް ވަންނަ ދިވެހިންގެ އަދަދު އަދިވެސް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ރިޔާޟް ވިދާޅުވީ މަސްވެރި އުޅަނދުތަކާއި މަސްބާނާ މިންވަރަށް ބެލުމުން މި ސިނާއަތް މިހާރު ކުރިއަރާފައިވާ މިންވަރު ފެންނަނަކަމަށެވެ.

ރިޔާޟް ވިދާޅުވީ ކުރީ ސަރުކާރުގެ ފަސް އަހަރަށްވުރެ މިސަރުކާރުގެ ފަސް އަހަރު މަސްވެރިންގެ އަތުން މަސް ގަނެފައިވާ ޢަދަދު %42 އިތުރުވެފައިވާކަމަށެވެ. އަދި މަސްވެރިންނަށް ދީފައިވާ ފައިސާގެ ޢަދަދު 4.4 ބިލިއަނަށް އަރާކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.

ރިޔާޟް ވަނީ މަސްވެރިކަން ކުރިއަރާފައި ވީނަމަވެސް މަސްވެރިންވާ ބާނާ މަސް ރައްކާކުރެވެނެ ނިޒާމު އަދިވެސް އެންމެ ފުރިހަމައަށް ކުރިއަރާފައިނުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިސަރުކާރުން މީގެ ކުރިން އެއްވެސް ސަރުކާރަކުން މި ސިނާއަތަށް ވަސީލަތްތައް އިތުރު ނުކުރާ މިންވަރަށް އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ. މިސަރުކާރު އާއިރު މަސްގަންނަ ބޮޑެތި ކުންފުނިތައްވެސް އޮތީ ކުރިނާރާކަމަށާއި، ނަމަވެސް ސަރުކާރުން މިހާރު ހިންގާ މަޝްރޫޢުތަކާއެކު މި ސިނާއަތަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.

އޭނާ ވަނީ ހުސްވި 2022 ވަނަ އަހަރަކީ މިފްކޯގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދެއްގެ މަސްގަނެ އެންމެ ގިނަ ޢަދަދެއްގެ ފައިސާ މަސްވެރިންނަށް ދޫކުރި އަހަރުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަސްވެރިންނަށް މިދިޔަ އަހަރު އެކަނިވެސް 990.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ފަސް އަހަރާއި އަޅާ ބަލާފައި އަޅުގަނޑު ހަނދާންވަނީ 42 ޕަސެންޓް އިތުރުވެއްޖެ މަސްވެރިންގެ އަތުން މަސް ގަތް އަދަދު. މި ފަސް އަހަރު ތެރޭގައި މިހާރު 4.4 ބިލިޔަން ރުފިޔާ މަސްވެރިއްނަށް ދެވިއްޖެ މިފްކޯއިން. އެ ބެފުޅުން އެބާނާ މަހަށް އެއީ ވަރަަށް ބޮޑު ކުރިއެރުމެއް ފާއިތުވި 5 އަހަރާއި އަޅާ ބަލާއިރު." ރިޔާޟް މަންސޫރު ވިދާޅުވިއެވެ.

ރިޔާޒް މަންސޫރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިނގޭ އެންމެ ބޮޑު މަސައްކަތަކީ މަސްވެރިންބާނާ މަސް ރައްކާކުރުމަށް ކޯލްޑް ސްޓޯރޭޖް ގާއިމްކުރުންކަމަށެވެ. އެގޮތުން ރައްޖޭގެ ފާހަގަކޮށްލެވޭ ސަރަހައްދުތަކުގައި މިހާރުވެސް އެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.؛ މަސްވެރިން ބާނާ މަސް ދުވަހެއް ދުވަހަށް އިތުރުވަމުން ދާއިރު މަސް ރައްކާކުރެވޭނެ ޖާގަ އެކަށީގެންވާ ވަރަށް ނެތުމުން އެކަމުގެ ދަތިކަން ހުރިކަން ރިޔާޒް ފާހަގަކުރެއްވިއެވެ. އެގޮތުން މި ދަތިތަކުން އަރައިގަތުމަށް މަސްވެރިކަމުގެ ސިނާއަތުގެ އިންފްރާސްރަކްޗާ އިންވެސްޓްކޮށް ސްޓޯރޭޖް ވަރަށް ބޮޑުތަނުން ބޮޑުކުރަން ޖޭހޭކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދާދެއްވުމަށް މިފްކޯއިން މަސްވެރިން އަތުން މަސްގައްނަ އަގު ބޮޑުކޮށްފައިވާކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ މިގެ ކުރިން މަސް ގައްނަ ކިލޯއެއްގެ އަގަކީ 17 ރުފިޔާކަމަށެވެ. އެހެންނަމަވެސް މިހާރު މަސް ގައްނަ އަގު މި ވަނީ 25 ރުފިޔާއަށް ބޮޑުކޮށްފައިކަމަށެވެ. ރިޔާޒް ވިދާޅުވީ މަސްގައްނަ އަގަށް ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ އާމްދަނީ އިތުރުކުރުން ކަމަށެވެ. މީގެ އިތުރުން މަސްވެރިކަމުގެ މާކެޓް ކުރިއެރުވުންވެސް ހިމެނެކަމަށް ރިޔާޒް ވިދާޅުވެއެވެ. އަދި ރާއްޖޭއިން ބޭރަށް މަސް އެކްސްޕޯޓްކުރުމަށް ނަގާ ޓެކްސް ކުޑަކުރުން ކަމަށެވެ.

ރިޔާޟް ވިދާޅުވީ ރާއްޖޭއިން ބޭރަށް މަސް ވިއްކަން ނަގާ ޓެކްސް ކުޑަކުރުމަށް އިނގިރޭސިވިލާޔާ އީޔޫއާއެކު ކުރިއަށްދާ މަޝްވަރާތަކުން ކާމިޔާބު ލިބޭނެކަމުގެ ކަށަވަރުކަން ލިބިފައިވާކަމަށެވެ. ރިޔާޟް ވިދާޅުވީ މަސް ގަންނަ އަގު ބޮޑުކުރީ، މަސް އެކްސްޕޯޓްކުރުމަށްނަގާ ޓެކުސް ކުޑަވާނެކަމުގެ ޔަޤީންކަން ސަރުކާރަށް ލިބުމުންކަމަށެވެ.

ރިޔާޟް ވިދާޅުވީ މަސްކިރާ ކާރުޚާނާތައް އަޕްގްރޭޑްކޮށް ކެޕޭސިޓީ އިތުރުކުތުމުގެ ބިޔަ ޕްރޮޖެކްޓް ސަރުކާރުން ދަނީ ހިންގަމުންކަމަށާއި، މިއާއެކު މަސްވެރިންނަށް ދޫކުރާ ފައިސާގެ އަދަދު ދެގުނަކޮށް މަސްވެރިންގެ އާމްދަނީ އިތުރުވާނެކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ރިޔާޟް މަންސޫރު ވިދާޅުވިއެވެ.