ޚަބަރު

ޓޯގޯއާއި އެންޑޯރާއަށް ދުރާލާ ވިސާ ނެގުމަކާނުލާ ދަތުރުކުރެވޭނެ


  • ޓޯގޯއަށް 30 ދުވަހުގެ މުއްދަތަކަށް ދަތުރުކުރެވޭނެ

  • އެންޑޯރާއަށް 90 ދުވަހުގެ މުއްދަތަކަށް ދަތުރުކުރެވޭނެ

  • މިހާތަަނށް 80އަށްވުރެ ޤައުމާއެކު ވަނީ ވިސާ އެއްބަސްވުން ޤާއިމްކޮށްފަ

ޓޯގޯއާއި އެންޑޯރާއާއެކު ރާއްޖެއިން ވިސާ ވެއިވަރ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މިއެއްބަސްވުމުގެ ދަށުން، ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ޓޯގޯއަށް 30 ދުވަހުގެ މުއްދަތަކަށް ދަތުރުކުރެވޭނެއެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް ވެސް ވިސާނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ. މީގެ އިތުރަށް ދުރާލާ ވިސާ ނެގުމަކާނުލައި ދިވެހިންނަށް އެންޑޯރާއަށް 90 ދުވަހުގެ މުއްދަތަކަށް ދަތުރުކުރެވޭނެއެވެ.

މިއެއްބަސްވުންތަކާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ޓޯގޯ ސަރުކާރާއި އެންޑޯރާ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭކަމަށް އުއްމީދުކުރަައްވާކަމަށް ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް ވިދާޅުވިއެވެ.

ޑޯގޯގެ މިނިސްޓަރު ރޮބަރޓްސްވަނީ ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކުރުމުގެ މަގު މި އެއްބަސްވުމުގެ ސަބަބުން ފަހިގެންދާނެކަމަށް ވިދާޅުވެފައެވެ.

ޓޯގޯއާއި އެންޑޯރާއާ ދެމެދު ރާއްޖެއި ސޮއިކުރި ވިސާ ވެއިވަރ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލްއެވެ. އަދި ޓޯގޯ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް ރީޖަނަލް އިންޓަރގްރޭޝަން އެންޑް ޓޮގޮލީޒް އެބްރޯޑް، ޕްރޮފެސަރ ރޮބަރޓް ޑުސޭއެއެވެ. އަދި އެންޑޯރާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަޒް އިއްމާ ޓޯރް ފައުސްއެވެ.

ރާއްޖެއާއި ޔޫރަޕްގެ ޤައުމެއްކަމަށްވާ އެންޑޯރާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 19 މެއި 2008 ވަނަ އަހަރުގައެވެ. އަދި ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޓޯގޯ އާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ މިއހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުގައެވެ.

ރާއްޖެއިން އަންނަނީ ގިނަ ޤައުމުތަކަކާ ސިޔާސީ ގުޅުން ޤާއިމްކޮށް، ފަސޭހައިން ދަތުރުކުރެވޭނެ ވިސާގެ އެއްބަސްވުންތައް ޤާއިމްކުރަމުންނެވެ.