ޚަބަރު

ފާރިސް ނިންމެވީ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރައްވަން


  • ފާރިސް ހުށައެޅުއްވި ކަންކަމަށް އެއްބަސްވުމަކަށް ނާދެވުނު

  • އެންމެ ފުރިހަމައީ ފާރިސްގެ މެނިފެސްޓޯކަމަށް ވިދާޅުވި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރެއްވުމަށް، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު ފާރިސް މައުމޫން ނިންމަވައިފިއެވެ.
ރިޔާސީ އިންތިޚަބުގެ ފުރަތަމަ ބުރުގައި ފާރިސް ވާދަކުރައްވާ ލިބިވަޑައިގަތީ އިންތިޚާބުގެ 1.35 އިންސައްތައެވެ. އެއީ 2797 ވޯޓެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޮޢްދަވައިގެން ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢީއްޒުއާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ދެ ކެންޑިޑޭޓުންވެސް ވަނީ ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް ފާރިސްއަށް ދަޢުވަތު ދެއްވާފައެވެ. މިއާއެކު ފާރިސްގެ ފަރާތުންވަނީ ބައެއް ހުށައެޅުންތައް އެ ދެކެންޑިޑޭޓުންނަށްވެސް ހުށައަޅުއްވާފައެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް ނިންމެވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޙްމަދު ފާރިސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު މައިގަނޑު ގޮތެއްގައި ބެލެވެނީ ދެ ޕާޓީއަށްވެސް ފުރިހަމަ މެނިފެސްޓޯއެއް ހުށައެޅިފައި ނުވާކަމަށެވެ. ފާރިސް ވިދާޅުވީ ދެވަނަ ބުރުގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުންނާއި މުހިންމު މަޝްވަރާތަކެއް ކުރެއްވިކަމަށެވެ. އަދި މަސައްކަތްކުރެއްވީ ފާރިސްގެ މެނިފެސްޓޯގައި ހިމަނާފައިވާ ޤައުމު އިސްލާހުކުރުމުގެ ކަންކަން އެ ކެންޑިޑޭޓުންގެ މެނިފެސްޓޯގައި ހިމެނުއްވުމަށްކަމަށްވެސް ފާރިސް ވިދާޅުވިއެވެ. ނަމަވެސް އެކަމަށް އެއްބަސްވުމަކަށް ނާދެވުމުން އެއްވެސް ކެންޑިޑޭތަކަށް ތާޢީދު ނުކުރަން ނިންމެވީކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ނުކުރައްވަން ނިންމާފައިވާކަމަށެވެ.

"މި މަޝްވަރާތަށް އަޅުގަނޑުމެން ބޭނުންވި ވަރަށްވުރެއް ދިގުކޮށް ގޮއްސިކަމަށް އަޅުގަނޑުމެންވެސް އެއްބަސްވަން. އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ މީގެ ތެރެއިން މުހިންމު ކަންތައްތައް މި ގައުމުގެ ކަންކަން އިސްލާހުކުރުމައްޓަކައި ކުރަން ޖެހޭކަންތައްތައް އެބޭފުޅުން ހުށައަޅުއްވާފައި ހުރި މެނިފެސްޓޯއަށް އިތުރު ކުރެވޭތޯ." ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ގައުމަށް ގެންނަންޖެހޭ އިސްލާހުތަކަކީ މުޅި ގައުމުގެ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތަކެއްކަމަށެވެ. ނަމަވެސް އެކަން މިހާރުގެ ކެންޑިޑޭޓުންނަށް ކުރެވޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށް ފާރިސް މައުމޫން ވިދާޅުވިއެވެ.