ޚަބަރު

ގާކޮށްޓާއި ޢަރަބިއްޔާ ފްލެޓުތަކުގެ އަގު ބޮޑުކުރީ ކުރީ ސަރުކާރުން ވަކިކަމެއް ހާސިލުކުރަން: އަކްރަމް


  • ފްލެޓުތަކުގެ އަގު ބޮޑުވީ ކޮންޓެކްޓަރަށް އިތުރަށް ފައިސާ ދެއްކުމުންކަމަށް

  • ފްލެޓުތަކުގެ މަސައްކަތް އެތައް ދުވަހަކަށް ހުއްޓާލާފައި އޮތްކަމަށް

  • ވަކި ބަޔަކަށް ލޯ އިންޓްރެސްޓު ރޭޓުގައި ލޯނު ހަމަޖައްސައިފައިވާކަމަށް ވިދާޅުވި

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މާލޭގައި ޢިމާރާތްކުރި ގާކޮށި އަދި ޢަރަބިއްޔާ ފްލެޓުތައް އަގު ބޮޑުކުރީ ކުރީ ސަރުކާރުން ވަކި މަޤްޞަދެއް ޙާސިލުކުރުމަށްކަމަށް ދަށުންކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ، ކުރީގެ ހައުސިން މިނިސްޓަރ އަދި ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އެ ފްލެޓުތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކާިއ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އިންތިޚާބުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވަނީ ގާކޮށި އަދި ޢަރަބިއްޔާ ފްލެޓުތަކަށް ދައްކަން ޖެހޭ ކުލީގެ ޢަދަދު ކުޑަކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން, އަތް ފޯރާ ފަށުން މައްޗަށް އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއްގެ އަގު ބޮޑުވެގެން ނުވާނެކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޑރ.މުޢިއްޒުގެ އެވާހަކަތަކާއި ގުޅިގެން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ އެފްލެޓުތައް ދޫކުރީ ރަނގަޅު އަގެއްގައިކަމަށް މީގެ ކުރިން މުޢިއްޒު ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް އެތަންތަން ބޮޑު ކުއްޔެއްގައި ކުރީ ސަރުކާރުން ދޫކުރީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު،އެ ފްލެޓުތަކުގެ މަސައްކަތް އެތައް ދުވަހަކަށް ހުއްޓާލާފައި އޮތުމަށްހު ހެދި "ޑީލެއް" ގެ ސަބަބުން ކަމަށް އަކްރަމް ތުހުމަތުކުރެއްވިއެވެ.

އެ އަގުގައި އެތަން ދިނުމަށް ފަހު ވަކި ބަޔަކަށް ލޯ އިންޓްރެސްޓު ރޭޓުގައި ލޯނު ހަމަޖައްސައި ދިނީވެސް ޑރ.މުއިއްޒު ކަމަށްވެސް އަކްރަމް ތުހުމަތުކުރެއްވިއެވެ.

އަކްރަމް ވިދާޅުވީ ބޮޑު އިންޓްރަސްޓް ގައި ލޯނު ނަގައިގެން ރައްޔިތުން އެތަންތަނުން ފްލެޓު ގަންނަ ޖެހުނީ، ބޯހިޔާވަހިކަން ލިބޭނެ އެހެން ގޮތެއްނެތިގެންކަމަށެވެ. އަދި އެ ފަރާތްތަކަށް މިސަރުކާރުން ލުޔެއް ހޯދައިދެމުންދާކަންވެސް އަކްރަމް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރު ބަދަލުވެ ހުއްޓިފައި އޮތް އަރަބިއްޔާއާއި ގާކޮށީގެ ފްލެޓުތައް އަލުން ކުރީގެ ސަރުކާރުން ފެށީ ކޮންޓްރެކްޓަރަށް އިތުރަށް 278 މިލިއަން ރުފިޔާ ދައްކައިގެންނެވެ. އެ ފައިސާ ކޮންޓްރެކްޓަރަށް ދެއްކީ ސަރުކާރުން އޭރުގެ އެޗްޑީސީ (މިހާރު އާބަންކޯ) އަށް އެ ފައިސާ ދިނުމުންނެވެ.

ޕްރޮޖެކްޓުގެ އަގު ބޮޑުވެގެން ދިޔުމާއެކު ފްލެޓުތަކުގެ އަގުގެ ގޮތުގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ އެތައް ގުނައެއް ބޮޑުކުރަންޖެހުނެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޢަރަބިއްޔާ ހުރި ބިމުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި ބިމުގައި 198 އެޕާޓްމަންޓް ތަރައްޤީކޮށްފައިވެއެވެ.