ޚަބަރު

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އަންނަމަހުގެ 1އާއި ހަމައަށް އިތުރުކޮށްދީފި


  • އަދީބު ބޭސްފަރުވާއަށް ވަޑައިގަތީ ޖުލައި 12ގައި

  • މިހާތަނަށް ތިންފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްފައިވޭ

  • މިއީ މުއްދަތު އިތުރުކޮށްދިން 4ވަނަ ފަހަރު

  • މިފަހަރު އިތުރުކޮށްދިނީ އަންނަ މަހުގެ 1އާއި ހަމައަށް

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ދެއްވާފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްދެއްވައިފިއެވެ.

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ ޖުލައި 12 ވަނަ ދުވަހުއެވެ. އަދީބު ބޭސްފަރުވާއަށް ވަޑައިގަތުމަށް ހުއްދަދެއްވީ، ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ވިދާޅުވެފައެވެ. ބޭސްފަރުވާއަށް އަދީބަށް ދެއްވި 10 ދުވަހުގެ މުއްދަތު ޖުލައި 22 އަށް ހަމަވުމުން، އެ މުއްދަތު އޯގަސްޓް 28އާއި ހަމައަށް ކަރެކްޝަނަލް ސާރވިސްއިން އިތުރުކޮށްދިނެވެ. އޭގެ ފަހުން އެ މުއްދަތު ހަމަވުމުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް މުއްދަތު އިތުރުކޮށްދިނެވެ. އަދި އެ މުއްދަތު ހަމަވެ އަނެއްކާވެސް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި އަދީބު އެދިވަޑައިގެންފައިވާތީ އެ މުއްދަތު އަންނަމަހުގެ ފުރަތަމަ ދުވަހާ ހަމައަށް އިތުރުކޮށްދެއްވާފައިވާކަމަށް ކަރެކްޝަނުން ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް މީގެ ކުރިން ބޭސްފަރުވާއަށް ދާ ގައިދީންނަށްވެސް ދެވޭ މުއްދަތުގައި ފަރުވާ ނުނިމިއްޖެނަމަ އިތުރު މުއްދަތު ދޭކަމަށް ކަރެކްޝަންސްއިން މީގެކުރިން ވިދާޅުވެފައިވެއެވެ. އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކަމަށް ދޫކުރައްވާފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

އަދީބު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމް.ޓީ.ޑީން ބުނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުންކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ނޫންކަމަށްވެސް އަދީބުގެ އާއިލާއިން ބުނެފައިވެއެވެ.

އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.