ޚަބަރު

ދެވަނަ ބުރުގައި ރިޔާޒު ރަޝީދުގެ ތާއީދު ރައީސް ޞާލިހަށް


  • ކުރީގެ މަޖިލިސް މެމްބަރު ރިޔާޒު ރަޝީދުގެ ތާއީދު ރައީސް ޞާލިހަށް

  • ކުރެެއްވޭ އެންމެ ފުރިހަމަ މިންވަރެއްގައި ރައީސަށް ކެމްޕޭން ކުރައްވާނެ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަވަޑައިގަންނަވާ ރިޔާޒް ރަޝީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރިޔާޒް ރަޝީދު ވިދާޅުވީ ރައީސް ޞާލިހަށް ތާއީދުކުރައްވަން ނިންމެވީ އެއީ މިވަގުތު އެންމެ ރަނގަޅު ގޮތްކަމަށް ފެނިވަޑައިގަންނަވާތީކަމަށެވެ.

ރިޔާޒް ވިދާޅުވީ ރައީސް ސާލިހަކީ ޚާއްސަ މަޖިލިހުގައާއި ރައްޔިތުންގެ މަޖިލީހުގައިވެސް އެކުގައި އިސްލާހީގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވަރަށް ގާތް ބޭފުޅެއްކަމަށެވެ. އަދި އިންތިޚާބުގެ ތެރޭގައި ވަރަށް ގިނަ މީހުންގެ ފާޑިކިޔުންތަކާއި މީހުންގެ ޝަކުވާތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އިތުރުން ރައްޔިތުންގެ ޚިޔާލާއި އެމީހުން ބޭނުންވާ ގޮތް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ސާލިހަށް ވެރިކަން ލިބުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވާތީ ދެވަނަ ބުރުގައި ރައީސް ޞާލިހަށް ތާޢީދުކުރައްވަން ނިންމެވީ ކަމަށެވެ. ރިޔާޒު އިތުރަށް ވިދާޅުވީ ކުރެެއްވޭ އެންމެ ފުރިހަމަ މިންވަރެއްގައި ރައީސަށް ކެމްޕޭން ކޮށްދެއްވާނެކަމަށެވެ.

ރިޔާޒްވަނީ ރައްޔިތުންގެ މަޖިލީހުގައި ޚާއްސަ މަޖިިލީހުގައާއި، މާލިއްޔަތު ކޮމިޓީއާއި، އެ ނޫން މަސައްކަތްތަކުގައިވެސް ރައީސް ޞާލިހާއެކުގައި މަސައްކަތްކުރައްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ޕީޖީގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރައްވާފައެވެ.