މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް، މިފްކޯއިން މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ 2 ބޯޓުގެ ތެރެއިން 1 ބޯޓު މިމަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
މަސްވެރިކަން ރަނގަޅު ދުވަސްވަރު މިފްކޯގެ ކެޕޭސިޓީ ފުރި މަސްވެރިންނަށް މަސް ކިރުވުމަށް ދަތިތަކާއި ކުރިމަތިވެއެވެ. މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން ދަނީ މިފްކޯގެ ފެސިލިޓީތައް އަޕްގްރޭޑުކުރުމުގެ މަސައްކަތްކުރައްވަމުންނެވެ.
މަސް ގަނެ ރައްކާކުރެވޭނެ ކެޕޭސިޓީ ހުރި މަސް ބޯޓު ފަހަރުތަކެއް ހޯދުމުގެ މަސައްކަތް މިފްކޯއިން ވަނީ ފަށާފައެވެ. އެގޮތުން ޖަޕާނުން ބޯޓެއް އަދި ތައިލޭންޑުން 3 ބޯޓު ގެނައުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. އަދި މިއަހަރުގެ ތެރޭގައި މީގެ ތެރެއިން އެއް ބޯޓު ތައިލޭންޑުން ގެނެސް އޮޕަރޭޝަންގައި ބޭނުންކުރަން ވަނީ ފަށާފައެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، ތައިލޭންޑުން ގެންނަ އަނެއް 2 ބޯޓުވެސް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މަސް ފިނިކުރުމުގެ ނިޒާމް ބޯޓުތަކުގައި ހަރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތްކަމަށް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ، މީގެތެރެއިން 1 ބޯޓު މިމަހުގެ 27 ވަނަ ދުވަހު ތައިލޭންޑުން ރާއްޖެ އައުމަށް ފުރާނެކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން މި ބޯޓަށް ރާއްޖެ އާދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަނެއް ބޯޓުވެސް މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މި 2 ބޯޓަކީވެސް ދުވާލަކު 60 ޓަނުގެ މަސް ފިނިކުރެވޭނެ ނިޒާމު ހުރި 2 ބޯޓުކަމަށް މިފްކޯއިން ބުނެއެވެ. އެހެންކަމުން މި ބޯޓުތަކުގައި ފިނިކުރުމަށްފަހު އިތުރަށް މަސް ފިނިކުރާކަށް ނުޖެހޭނެއެވެ. އެހެންކަމުން މިއީ މިފްކޯގެ އެހެން މަސް ފިނިކުރާ ފެސިލިޓީތަކަށް ލިބިގެންދާނެ އިތުރު ލުޔަކަށް ވާނެއެވެ. އަދި ދުވާލެއްގެ މައްޗަށް މިފްކޯއަށް ގަންނަ މަހުގެ އަދަދުވެސް އިތުރުވެގެންދާނެކަމަށް އެ މިފްކޯއިން ބުނެއެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސައިޒު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމާއި ގުޅިގެން މިފްކޯގެ މަސްކިރުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސް ކިރާ ފެސިލިޓީތަކުގެ ފްރީޒިންގ އަދި ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްކިރާ އިތުރު ބޯޓުފަހަރު ހޯދުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.