ޚަބަރު

ޕީޖީ އޮފީހުން ލިޔެކިޔުންތައް އޮންލައިންކޮށް ކޯޓުތަކަށް ފޮނުވަން ފަށައިފި


  • ޕީޖީން ލިޔެކިޔުންތައް އިދާރާތަކަށް ފޮނުވަން ވަނީ ޚާއްޞަ ޕޯޓަލެއް ޤާއިމްކޮށްފަ

  • މި ޕޯޓަލް މެދުވެރިކޮށް އެންމެ ފުރަތަމަ ލިޔުންތައް ފޮނުވީ ޑްރަގް ކޯޓަށް

  • ކުރިއަށް އޮތްތަނުގައި އެހެން ކޯޓުތަކަށްވެސް އޮންލައިންކޮށް ލިޔެކިޔުންތައް ފޮނުވާނެ

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ތާޢާރަފްކުރި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިޔެކިއުންތައް ކޯޓުތަކަށް ފޮނުވަން ފަށައިފިއެވެ. މި ނިޒާމުގެ ދަށުން އެންމެ ފުރަތަމަ ލިޔެކިޔުން ފޮނުވީ ޑްރަގް ކޯޓަށެވެ.

ޕީޖީ އޮފީހުން ދާދިފަހުން ޤާއިމްކުރި އޮންލައިން ގަވަމެންޓް ސާވިސް ޕްލެޓްފޯމްގެ ދަށުން ދައުލަތުގެ އިދާރާތަކަށް ލިޔުންތައް އޮންލައިންކޮށް ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ކޯޓުތަކަށާއި، ދައުލަތުގެ އިދާރާތަކަށް ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށައަޅާނީ އޮންލައިންކޮށްކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، އެ އޮފީހުން ތަޢާރަފްކޮށްފައިވާ އޮންލައިން ޚިދުމަތްތައް ކޯޓުތަކަށް ތަޢާރަފްކޮށްއެރުވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ހިންގަމުންގެންދާ ޕްރޮގްރާމް ކ. މާފުށީގައި ކުރިއަށްގެންގޮސްފައިވާކަމަށެވެ. މީގެ ކުރިން މި ޕްރޮގްރާމް ޑްރަގް ކޯޓަށްވެސް ކުރިއަށްގެންގޮސްފައިވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ތަނުގައި މާލޭގައި ޤާއިމުވެފައިހުރި ކޯޓުތަކާއި, މެޖިސްޓްރޭޓް ކޯޓުތަކަށް މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ތަޢާރަފްކުރި އޮންލައިން ޚިދުމަތްތަކުގެ މަޤްޞަދަކީ އެއޮފީހާއި މުއައްސަސާތަކާ ދެމެދު ސިޓީ ބިޓީ ބަދަލުކުރުމުގެ ބަދަލުގައި މިހާރަށްވުރެ މާ އަވަސް އަދި ފަސޭހަ އިންތިޒާމެއްގެ ދަށުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އެގޮތުން މުއައްސަސާތަކަށް އަދި ޢާންމުންނަށް އޮންލައިން ޚިދުމަތްތައް މިހާރު ހޯއްދެވޭނެކަަމށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.