ޚަބަރު

ޙައްގުތައް ކަށަވަރުކުރަން މުއައްސަސާއެއް އުފެއްދުމަކީ އެޗްއާރުސީއެމްގެ ބާރު ކަނޑުވާލުން: ޖީހާން


  • ހައްގުތަކާ ގުޅޭ ކަންކަން ބެލުމަށް ޤާނޫނު އަސާސީން މަތިކޮށްފައިވަނީ އެޗްއާރުސީއެމަށް

  • މުޢިއްޒު ވަނީ އެފަދަ އައު މުއައްސަސާއެއް އުފައްދަވާނެކަމަށް ވިދާޅުވެފައި

  • ޖީހާން ވިދާލުވީ އެއީ އެޗްއާރުސީއެމްގެ ބާރު ކަނޑުވާލުންކަމަށް

ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙައްގުތައް ލިބިދޭކަން ކަށަވަރުކުރަން އައު މުއައްސަސާއެއް އުފެއްދެވުމަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ބާރު ކަނޑާލުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ޖީހާން މަޙްމޫދު ވިދާޅުވެއްޖެއެވެ.

ޖީހާން މިހެން ވިދާޅުވެފައިމިވަނީ، ވެރިކަން ލިބިވަޑައިގެންފިނަމަ ރައްޔިތުންނށް ކަށަވަރުކޮށްދޭ ހައްގުތައް ލިބިދޭކަން ކަށަވަރުކުރަން މުޅިން އައު މުއައްސަސާއެއް އުފައްދާނެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.

ރިޔާސި އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރ.ހުޅުދުއްފާރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ، ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރޭގައި ހައްގު ނުލިބޭކަމުގެ ޝަކުވާ ހުށަހެޅޭނެ ތަނެއް ހުންނާނެކަމަށް ވިދާޅުވެފައެވެ. އެކަމަށްޓަކައި އައު މުއައްސަސާއެއް އުފައްދަވާނެކަމަށް މުޢިއްޒު ވިދާޅުވެފައިވެއެވެ.

ޑރ.މުޢިއްޒުގެ އެވާހަކަފުޅާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ވިދާޅުވީ، އެފަދަ މުއައްސަސާއެއް އުފެއްދެވުމަކީ އެފަދަ ކަންކަން ބެލުމަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ އެޗްއާރުސީއެމްގެ ބާރު ކަނޑާލުންކަމަށެވެ.

"އަލުން އެޓޯލްސް މިނިސްޓްރީ ހަދައިގެން އެލް.ޖީ.އޭގެ ބާރު ކަނޑަން އުޅޭ ގޮތަށް ކުރާ ކަމެއް. މިނިވަން މުއައްސަސާތަކުގެ ބާރުތައް އަތުލައި ސަރުކާރަށް ބާރު ޖަމާކުރުމަށް މަސައްކަތްކުރާތީ ކަންބޮޑުވޭ." ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ޖީހާން މަޙްމޫދު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުރިއެރުވުމާއި، އެ ހައްގުތައް ހޯދައި ދިނުމަކީ އެޗްއާރުސީއެމްގެ މަސްއޫލިއްޔަތެއްކަމަށެވެ. އަދި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި ވަޒަންކުރުމަކީވެސް އެ ކޮމިޝަންގެ ބާރެއްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ.