ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ވޭތުވެދިޔަ ހަތަރު އަހަރުގެ ސްޓެޕް އެލަވަންސް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދިނުމާ ގުޅިގެން އެ އެލަވަންސް އަންނަ މަހު ދިނުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ފަށްޓަވައިފިއެވެ.
ސްޓެޕް އެލަވަންސަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ކޮންމެ ދެ އަހަރުން އެއް އަހަރުދޭ މުސާރައިގެ ކުރިއެރުމެކެވެ. އެހެންނަމަވެސް ދައުލަތުގެ މުސާރަ އެއް ހަމަކުރުމަށް ޕޭ ރިވިއު ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދިއުމާ ގުޅިގެން 2019 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު އެ އެލަވަންސް ދޫކުރުމުގެ ހުއްދައެއް ފިނޭންސް މިނިސްޓްރީން ދޫކުރައްވާފައެއްނުވެއެވެ.
މިކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ނެރުނު ސާކިއުލާއެއްގައި ވިދާޅުވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދެމުންދިޔަ މުސާރައިގެ ކުރިއެރުމުގެ އެލަވަންސް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދެއްވާފައިވާކަމަށެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގައި މުވައްޒަފުންނަށް އެ އެލަވަންސް ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ކޯޓުތަކަށް އަންގާފައިވާކަމަށްވެސް ޑީޖޭއޭއިން ވިދާޅުވިއެވެ. އެގޮތުން އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ފޮނުވާ ފޯމުތަކަށް އެލަވަންސް ދެވިގެން ދާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެއީ 2019 ވަނަ އހަރުން 2022 ވަނަ އަހަރުގެ ނިޔަލަށް ނުދީވާ ޕާފޯމަންސް އެލަވަންސްއެވެ.
ޑީޖޭއިން ވިދާޅުވީ 2017-2018 ވަނަ އަހަރުގެ ސްޓެޕް އެލަވަންސް މިއަހަރު ދޫކޮށްފައިވާކަމަށެވެ.
މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ވޭތުވި އަހަރުތަކުގައި ދޭން ޖެހޭ ކުރިއެރުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދިނުމުގެ ހުއްދަ ދީފައެވެ. މިކަމާ ގުޅިގެން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްފައިވާ ކަމަށް ޑީޖޭއޭއިން ވިދާޅުވެއެވެ.
2009 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން ދެމުން ގެންދަނީ 200 ރުފިޔާގެ މުސާރައިގެ ކުރިއެރުމެކެވެ.