ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓް އިމާރާތްކޮށް އެސިޓީއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުޅުދުއްފުށީ ސިޓީ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް ދިމާވެފައި އޮތް ބޯހިޔާވަހިކަން ޙައްލުކުރުމަށް ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ކުރައްވާނެ މަސައްކަތްތައް ގިނަވާނެކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ބޯހިޔާވަކަމުގެ އެކިއެކި ފަންތީގެ މަސައްކަތްތައް ކުރައްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި އާބާދީގެ ކުޑަބޮޑުމިނަށް ބަލާ އެރަށަކަށް ބޯހިޔާވަހިކަން ބޭނުންވާ މިންވަރަކުން އެކަން ޙައްލުކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ކުޅުދުއްފުށި ސީޓީއެއްގެ ދަރަޖަދެވިފައި އޮތްނަމަވެސް އެރަށަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލެއް ހޯދައިދީފައި ނުވާކަމަށާ، އެކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
"ރާއްޖެއަށް އެންމެ މުހިންމު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ. އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް.. މުޖްތަމަޢުގައި ހުރި ހުރިހާ އިޖްތިމާޢީ މައްސަލަތަކެއް ޙައްލުވާނީ ގެދޮރުގެ މައްސަލަ ޙައްލުވެގެން.. މި މަސައްކަތުގެ ތެރެއިން 2000 ހައުސިންގ ޔުނިޓްގެ މަޝްރޫޢެއް ކުރިއަށް ގެންދާނަން،. ސިޓީއެއްގެ ދަރަޖަ ދީފައި އޮތް މިރަށަށް ހައުސިންގ ޔުނިޓްތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމްކޮށްދޭނަން" ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙަމަދު މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީގެ މައިގަނޑު ތަސައްވަރުގެ ތެރޭގައި ހިމެނޭ ތަރައްޤީގެ ތަޞައްވުރަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖެ 7 ސަރަޙައްދަކަށް ބަހާލައިގެން ތަރައްޤީކޮށް އިންޓަރ ގްރޭޓެޑް ޑިވަލަޕްމަންޓުގެ ތެރެއިން ގުޅިލާމެހިފައިވާ ތަރައްޤީއެއް ގެންނާނެކަމަށެވެ.
ސަރަހައްދީ ތަރައްޤީއަކީ ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް މެދުރާސްތާ އަދި ދުރުރާސްތާއަށްވެސް އެންމެ ރަމގަޅުގޮތްކަމަށާ، އެކަން ކުރާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރުވުމާއެކު ތައްޔާރު ކުރެވޭ ނޭޝަނަލް ޕްލޭނެއްގެ ތެރެއިން ޤާނޫނީ ބާރު ލިބިދޭ ގޮތަށްކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ކުޅުދުއްފުށި ސިޓީއަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު ކުރެއްވި މީ ދެވަނަ ދަތުރުފުޅެވެ. އެރަށުގައި ބޭއްވި ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖްވަނީ ޕީޕީއެމް އާ ގުޅިވަޑައިގެންފައެވެ.