ޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި ދައުރު ނިމޭއިރު ބޮލަކަށްޖެހޭ ޢާމްދަނީގެ ނިސްބަތް 17000 ޑޮލަރަށް ޖެއްސުމުގެ އަމާޒާއެކު ޕީޕީއެމް ޕީއެންސީގެ އިޤްތިޞާދީ މެނިފެސްޓޯ ޢިއުލާންކޮށްފިއެވެ. މެނިފެސްޓޯ ޢިއުލާންކުރުމަށް މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އިޤްތިޞާދީ ދާއިރާގެ އެކި ބޭފުޅުން ހިމެނޭގޮތަށް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޚާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އިޤްތިޞާދީ ގޮތުން ޤައުމު އާރާސްތުކުރެވޭނެ ސަރުކާރެއްކަމަށެވެ. އެގޮތުން ހިސާބު ޖައްސާވާ ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް މައިގަނޑު 3 ދާއިރާއަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އިޤްތިޞާދު ހަމައަކަށް އެޅުވުމަށާއި، އިންޤިލާބީ ބަދަލުތައް ގެނެސް އިޤްތިޞާދު ފުޅާކުރުން ހިމެނޭކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ބޮލަކަށް ޖެހޭ ނިސްބަތް މިވީ މުއްދަތުގައި ދަށަށް ގޮސްފައިވާކަމަށެވެ. އެކަން ބަދަލުކޮށް އެމަނިކުފާނުގެ ސަރުކާރެއްގައި ޢާމްދަނީ އިތުރުކޮށް ބޮލަކަށްޖެހޭ ނިސްބަތް 17000 ޑޮލަރަށް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ބަޖެޓުގެ ދަރަނީ ޑެފިސިޓް ހުރި މިންވަރު 15 އިންސައްތައިން ސިންގަލް ޑިޖިޓަކަށް ކުޑަކުރައްވާނެކަމަށެވެ. އަދި ރާއްޖޭގައި ޑޮލަރުގެ އަގު 18 ރުފިޔާއަށްވުރެ ކުޑަކޮށް އެއްހަމައެއްގައި ހިފަހައްޓާ ދިވެހި ފައިސާގެ އަގު ދަށްވިޔަ ނުދެއްވާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އެމްއެމްއޭގެ ރިޒާވް އިތުރުކޮށް މައްޗަށް ޖެއްސުމަށްވެސް މަސައްކަތްކުރައްވާނެކަމަށް މުޢިއްޒުވަނީ ވިދާޅުވެފައެވެ.
ޤާނޫނީ ބާރުވެރިކަމާއެކު ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް އަލުން ޑޮލަރު ޖަމާވާގޮތް ހައްދަވާ މަހުންމަހަށް ޢާމްދަނީ ވަންނަ ފަންޑަކަށް އެފަންޑު ހެދުމަށްވެސް ކަނޑައަޅާފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ހުރި މިންވަރު 2016 ގައި ހުރި ހިސާބަށް ޖެއްސުމަށް އިންވެސްޓަރ ކޮންފިޑެންސް އަނބުރާ ގެނައުމަށް މަސައްކަތްކުރުމަށް ނިންމާފައިވާކަން ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އެސްއީޒެޑްގެ ޤާނޫނުގެ ދަށުން ވަކި ސަރަޙައްދުތަކެއް ކަނޑައަޅާ ރައްޔިތުންނަށް މާލީ މަންފާ ލިބޭނެ މަގު ފަހިކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ރިސޯޓް ތަރައްޤީކުރުން ފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ޚާއްސަ ބޭންކެއް ތަރައްޤީކުރުމާއި، އިންޓަރނޭޝަނަލް ޕޭމަންޓް ގޭޓްވޭ ތެރެއަށް ވަދެވޭނެ މަގުފަހިކޮށް ޒުވާނުންނަށް އަމިއްލަ ހުނަރު ވިއްކައިގެން ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މަސްވެރިކަން ހަރުދަނާކުރުމަށް ރާއްޖެއިން ބޭރަށް މަސް ބޭރުކުރެވޭ ނިސްބަތް އިތުރުކުރުމަށާއި ދަނޑުވެރިކަން ކުރިއެރުވުމަށް ޚާއްސަ ރަށްތައް ދޫކޮށް މި ދެދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރުމަށްވެސް މެނިފެސްޓޯގައި ހިމަނާފައިވާކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.