ޕީޕީއެމް ޕީއެންސީގެ ސަރުކާރެއް އުފެދި މަޤާމުތަކަށް އައްޔަން ކުރައްވާ މީހުންގެ ފަރާތުން ކޮރަޕްޝަންގެ އަމަލެއް ފެނިއްޖެނަމަ އެމީހަކު ބޭރު ކުރަން އެންމެ ފުރަތަމަ ނުކުންނަވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ ޕީ.ޕީ.އެމް ޕީ.އެން.ސީ ކޯލިޝަނުން ރޭ ލ. ގަމުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ކުރިމަތީގައި ވާ ވައުދުތަކާ މެނިފެސްޓޯގައި ހުރި ކަންކަން އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކީގައި ފުރިހަމަކޮށް ދެއްވޭނީ ކޮރަޕްޝަނަށް ނޫނެކޭ ބުނެގެންކަމަށެވެ. އެގޮތުގެ މަތިން ކޮރަޕްޝަންގެ އަމަލު ހިންގާ މީހަކު ސަރުކާރު ތެރެއިން ފެނިއްޖެނަމަ އެމީހަކު އެމަޤާމުން ވަކި ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް މުޢިއްޒު ވަނީ ދެއްވާފައެވެ.
ސަރުކާރު ތެރެއިން ރައްޔިތުންނަށް ފޮރުވާނެކަމެއްވެސް އޮވެގެން ނުވާނެކަމަށާ، ރައްޔިތުންނަށް ޚިދުމަތް ކުރަން އެކުލަވާލާ ޓީމު ވާނީ އިޙްލާސްތެރިކަމާ އެކީގައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވޭ އަދި ރައްޔިތުންގެ އިތުބާރު ހޯއްދަވާނެ ވަރުގެ ޓީމަކަށް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ ސީރިއަސް މަސައްކަތް ކުރަން.. ސީދާ ނަތީޖާ ނެރެދޭނެ މީހެއްކަން ރައްޔިތުންނަށް ދައްކުވައިދޭން.. އެގޮތުގައި ދެވޭތޯ މަސައްކަތް ކުރާނަން. އަޅުގަނޑުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނަން.. އެފަދަކަމެއް ކުރާ ފަރާތެއް ފެނިއްޖެނަމަ އަޅުގަނޑު ނުކުމެ އެންމެ ފުރަތަމަ އެކަމަށް ފިޔަވަޅު އަޅާނީ.. އިޙްލާސްތެރި ތެދުވެރި ހިތެއް ނެތިއެއް އަޅުގަނޑުގެ ޓީމަކަށް މީހަކަށް ނާދެވޭނެ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މި ޖަލްސާގައި ޕީ.ޕީ.އެން ޕީ.އެން.ސީގެ ޝަރުއީ ދާއިރާ ކުރިއަށްގެންދާނެ ގޮތުގެ މައްޗައް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި މިނިވަން ޖުޑީޝަރީއެއް އުފައްދަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
ގަމުގައި ބޭއްވި މި ޖަލްސާގައި ތައުލީމީ ދާއިރާގެ ސިޔާސަތުތަކާ ގުޅޭގޮތުންވެސް ޑރ މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފައްދޭނީ ކިޔަވާ ދުވަސްވަރުގައިކަން ފާހަގަކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، ޤައުމިއްޔަތު އެއީ ވަކި މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމަނުއްވާ ދިވެހި ބަހަށާއި އިސްލާމް ދީނަށް ލޯބި ކުރާ އެކަމަށް އިޙްތިރާމް ކުރާ ކުދިބަޔަކަށް ކިޔަވާ ކުދިން ހައްދަވާނެކަމަށެވެ.