ޚަބަރު

ތިނަދޫގައި ބިން ހިއްކުމާއި ހައުސިންގެ ބިޔަ މަޝްރޫޢެއް ކުރިއަށްގެންދާނަން: ރައީސް


  • ކުރިން ނިންމާފައި އޮތީ ތިނަދޫގައި 500 ހައުސިން ޔުނިޓް ނުވަތަ ރޯހައުސް އެޅުމަށް

  • މިހާރު ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުއެއް ގެންދަވާނެކަމަށް ރައީސް ވިދާޅުވި

  • ހޫޓި ކަނޑުގެ ބައްތިއާ ހަމައަށް ބިން ހިއްކާނެކަމަށް ވިދާޅުވި

ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބިން ހިއްކާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުއެއް ފަށްޓަވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ތިނަދޫ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ކުރިން ތިނަދޫގައި 500 ހައުސިން ޔުނިޓް ނުވަތަ ރޯހައުސް އެޅުމަށް ނިންމެވިނަމަވެސް މިހާރު ތިނަދޫގައި ބޯހިޔާވަހިކަމުގެ ފުރިހަމަ ހައްލެއް ލިބޭ ފަދަ ބިޔަ މަޝްރޫއުއެއް ކުރިއަށްގެންދަވާނެކަމަށެވެ.

ރައީސް ވިދާޅުވީ ތިނަދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހޫޓި ކަނޑުގެ ބައްތިއާ ހަމައަށް ބިން އިތުރުކޮށްދެއްވާނެކަމަށެވެ. އަދި މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް ބިން ހިއްކައިގެން ތިނަދޫ ކައިރީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އަޅާނެކަމަށެވެ.

"އަޅުގަނޑުމެން މި ރަށުގައި އަޅާނީ 500 ހައުސިން ޔުނިޓެއް ނޫން. މި ރަށުގެ ރައްޔިތުންނަށް ދަތިވެފައި އޮތް ބޯހިޔާވަހިކަން ހައްލު ކުރުމަށް ފުރިހަމަ ބޮޑު ހައުސިން ޕްރޮޖެކްޓެއް އަޅުގަނޑުމެން ހިންގާނަން. ޕެންޝަންގައި ހުރި ފައިސާ އިން ބޯހިޔާވަހިކަމަށް ހައުސިން ލޯނު ލިބޭނެ އުސޫލު ތިނަދޫއަށް ވެސް ފަހިކޮށްދޭނަން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ޞާލިހް ވަނީ ވެރިކަމުގައި ތިބިހާ ދުވަހަކު ރާއްޖޭގެ އެންމެ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް މިލްކު ނުކުރެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ބަދަލުކުރީ މި ސަރުކާރުން ކަމަށާއި ރާއްޖޭގެ ބިމުގެ އެންމެ އިންޗިއެއް ވެސް ބޭރުގެ ފަރާތްތަކަށް ނުދޭނެ ކަމަށެވެ.

ރާއްޖޭގައި ބޭރު ސިފައިން ތިބި ކަމަށާއި ރާއްޖޭގެ މިނިވަންކަން ގެއްލެމުންދާ ކަމަށް އިދިކޮޅުން ބުނަމުންދާ ވާހަކަތައް މި ޖަލްސާގައިވެސް ރައީސް ވަނީ ތަކުރާރުކޮށް ދޮގުކުރައްވާފައެވެ.

"ރާއްޖޭގެ އަތޮޅެއް ވިއްކާލަން ގާނޫނު އަސާސީއަށް ގެނައި ބަދަލުކުރީ މި ސަރުކާރު ވެރިކަމަށް އައިސް. ވެރިކަމުގައި ތިބިހާ ދުވަހަކު މިއަދަކު މި ރާއްޖޭގެ އެންމެ އިންޗިއެއް ވެސް އެންމެ ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް މިލްކެއް ނުކުރެވޭނެ. އެ ޔަގީންކަން އަޅުގަނޑު އަރުވަން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި 5 އަހަރު ނިމިގެންދާއިރު މިނިވަން ކަމަކަށްވެސް އެއްވެސް ބުރުލެއް ނާރާއިރު މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީގައިވެސް ރާއްޖެ ވިއްކާލަން އޮތް ކަމަށް ބުނެ އިދިކޮޅުން ދައްކަމުންދަތީ މުޅިން ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށެވެ.