ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް ޢަލީ މަރާލިކުށް ސާބިތިވެ މެރުމަށް ޙުކުމްކޮށްފައިވާ ހ ލޮބީ ޙުސެއިން ހުމާމްގެ އިސްތިޢުނާފް އަޑުއެހުންތައް ސުޕްރީމްކޯޓްގައި ފަށައިފިއެވެ.
ޑރ އަފްރާޝީމް މަރާލި މައްސަލާގައި ހުމާމް މެރުމަށް ދަށުކޯޓުން 2012 ވަނަ އަހަރު އޮކްޓޯބަރމަހު ކުރެއްވި ޙުކުމަށް ހައިކޯޓުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެތެރޭގައި ތާއިދްކޮށްފައެވެ. ހައިކޯޓްގެ ނިންމުން އިސްތިޢުނާފްކުރުމަށް ހުމާމަށް ލިބިފައިވާ 10 ދުވަހުގެ މުއްދަތު ހަމަވިއިރު އެނާގެ ފަރާތުން އެ މައްސަލަ އިސްތިޢުނާފް ނުކުރުމުން އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައަޅުއްވާފައިވަނީ ދައުލަތުގެ ފަރާތުންނެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ހުމާމް މެރުމަށް ދަށުކޯޓުން ކުރައްވާފައިވާ ހުކުމް ރަގަޅުކަމަށެވެ. އަދި ހުމާމަށް މަރުގެ އަދަބު ދިނުން މަނާކުރާ ޙާލަތެއް ނެތްކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އެހެންކަމުން ދަށުކޯޓްގެ ނިންމުން ރަގަޅުކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓްގައި އެދިވަޑައިގެންފައިވެއެވެ.
ހުމާމް މެރުމަށް ކުރި ޙުކުމް ރަގަޅުކަމަށް ދައުލަތުން ވިދާޅުވުމުން އެ ނުކުތާތަށް ސާފުކޮށްދިނުމަށް ދައުލަތުން އިތުރު ފުރުސަތަކަށް އެދިވަޑައިގަތުމުން މިއަދުގެ އަޑުއެހުން ނިންމާލެއްވީ އެ ފުރުޞަތު ދެއްވުމަށްފަހު ހުމާމްގެ އިސްތިޢުނާފް މައްސަލަ ބައްލަވަނީ ސުޕްރީމްކޯޓްގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. މަރުގެ އަދަބު ތަންފީޒުކުރުމާބެހޭ ގޮތުން އެކުލަވާލި ޤަވާޢިދުގައި ބުނެފައިވަނީ މަރުގެ އަދަބު މީހެއްގެ މައްޗަށް ތަންފީޒުކުރެވޭނީ ސުޕްރީމްކޯޓުން އެ މައްސަލަ ނިންމުމުންކަމަށެވެ. އެހެންކަމުން މިއީ ހުމާމަށް މަރުގެ އަދަބުން ސަލާމްތަވުމަށް ލިބިގެންދާނެ އެންމެ ފަހުގެ ފުރުސަތެވެ.
މަޢާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ޤާނޫނުގެ ދަށުން މަރަން ޙުކުމްކުރެވޭ މީހުންގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ކުރިން ލިބިގެންވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ނިންމެވި ނިންމެވުމުގައި ވަނީ ގަސްދުގައި މީހަކު މަރާލި މީހަކު މަރަން ކުރެވޭ ޙުކުމް ލުއިކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންނުވާކަމަށެވެ. މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ޤަވާޢިދު އެކުލަވާލާފައިވާއިރު ހޯމް މިނިސްޓްރީން ވިދާޅުވެފައިވަނީ މަރުގެ އަދަބު ތަންފީޒްކުރުމަށް ކުރަންޖެހޭ ތައްޔާރީތައްވެ ނިމިފައިވާކަމަށެވެ.