ޚަބަރު

ކުރިއަށް އޮތް 5 އަހަރަށް ވަލީޢުލްއަމުރަކު ކަނޑައެޅުން މާދަމާ


  • ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00އިން ހަވީރު 05:00އަށް

  • ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް

  • ވެނަ ބުރުގައި 12 ފޮށި އިތުރު

ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނ ބުރުގެ ވޯޓުލުން މާދަމާ އޮންނާނެއެވެ. އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ޖެހުނީ ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސަކު ހޮވުމަށް ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވޭގޮތް ނުވިއެވެ. އެހެންކަމުން ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓު ލިބިވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 4އަށް ވޯޓުލީ މީހުންގެ %46.06 ވޯޓު ލިބިވަޑައިގެންނެވިއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓް ނަމްބަރު 3 އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ވޯޓުލީ މީހުންގެ %39.05 ލިބިވަޑައިގެންނެވިއެވެ.

މިއާއެކު ދެވަނަ ބުރަކަށް ދެކެންޑިޑޭޓުން ކެމްޕޭން ފެއްޓެވިއެވެ. މިބުރުގައި ކެނޑިޑޭޓުންގެ ކެނޑިޑޭޓް ނަމްބަރަކީ ފުރަތަމަ ބުރުގެވެސް ކެނޑިޑޭޓް ނަމްބަރެވެ. އެގޮތުން ދެ ކެންޑިޑޭޓުންވެސް ފުރަތަމަ ބުރުގައި ވާދަކުރި އަމިއްލަ މެމްބަރުންނާއި ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ދަޢުވަތު އެރުވިއެވެ. މީގެ ތެރެއިން ޖުމްހޫރީ ޕާޓީއާއި ޑިމޮކްރެޓްސްއާއި، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫނާއި އުމަރު ނަސީރު ވަނީ އެއްވެސް ފާޓީއަކާ އެކީ ކޯލިޝަން ނުހެދުމަށް ނިންމަވާފައެވެ. އަދި އެމްއެންޕީގެ ޓިކެޓުގައި ވާދަ ކުރެއްވި މުހައްމަދު ނާޒިމް ވަނީ ޕީޕީއެމް ޕީއެންސީއަށް ތާއީދުކޮށް ކޯލިޝަން ހަދާފައެވެ.

ވާދަވެރި ކެމްޕެއިންތަކަށްފަހު، މާދަމާ ވެގެންދަނީ ދިވެހިންގެ ބޮޑު ނިންމުން ނިންމާ ދުވަހަށެވެ. އެހެންކަމުން މިއަދަކީ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން މިއިންތިޚާބަށް ކެމްޕެއިންކުރާނެ އެންމެ ފަހު ދުވަހެވެ. ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަން ދީފައިވާ މުއްދަތު މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ހަމަވާނެއެއެވެ.

ރިޔާސީ އިންތިޚަބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށްޓަކައި 285،631 ވޯޓު ކަރުދާސް ޗާޕްކޮށްފައިވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ޗާޕްކޮށްފައިވަނީ 285،219 ވޯޓު ކަރުދާހެވެ.

ދެވަނަ ބުރުގައި ވޯޓު ފޮށި ބަހައްޓާ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން މިބުރުގައި 586 ވޯޓު ފޮށި ބެހެއްޓުމަށްވަނީ ނިންމާފައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ބަހައްޓާފައިވަނީ 574 ވޯޓު ފޮށްޓެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަނުންވަނީ އިތުރުކުރައްވާފައެވެ. އެގޮތުން ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 08:00އިން ހަވީރު 05:00އަށެވެ.