ހިތުގެ ތަފާތު ބަލިތަކާއި ގުޅިގެން ކޮންމެ އަހަރަކު ދުނިޔޭގައި ގާތްގަނޑަކަށް 20.5 މިލިއަން މީހުން މަރުވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ހިތުގެ ތަފާތު ބަލިތައް ދުނިޔޭގެ ގިނަ އަދަދެއްގެ މީހުން ތަޙައްމަލުކުރާއިރު މިކަންކަމަށް ހޭލުންތެރިކުރުވުމަށް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަސް ފާހަގަކުރަނީ ހިތުގެ ދުވަހުގެ ގޮތުގައެވެ.
ހިތުގެ ދުވަހަކީ ހިތުގެ ބަލިތަކާއި ހިތުގެ ދުޅަހެޔޮކަމަށް ކުރެވިދާނެ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ވޯލްޑް ހާރޓް ފެޑަރޭޝަންއިން ކަނޑައަޅާފައިވާ ޝިއާރަކީ "ނޯ ހާރޓް، ޔޫޒް ހާރޓް" އެވެ.
މި ޝިއާރުގެ މަޤްޞަދަކީ މި ދުވަހާއި ގުޅިގެން ކޮންމެ މީހަކުވެސް، ތިމާގެ ހިތުގެ ދުޅަހެޔޮކަމާއި، އަދި ތިމާ ދިރިއުޅޭ މާހައުލާއި، ހުރި ގުޅުމާއި އަދި ތިމާގެ މުޖްތަމައުގައި ދިރިއުޅޭ މީހުން ސިއްހީ ދުޅަހެޔޮކަމާމެދު ފުންކޮށް ވިސްނާލުމަށް ހިތް ބޭނުންކުރުމާއި ހިތުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ފަރުދީ ގޮތުން ތިމާއަށް ގެނެވިދާނެ ބަދަލުތަކާއިމެދު ވިސްނާ އަމަލުކުރުމެވެ.
ހިތުގެ ޞިއްޙަތާއި ގުޅިފައިވާ ހިތުގެ ތަފާތު ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު ދުނިޔޭގައި ގާތްގަނޑަކަށް 20.5 މިލިއަން މީހުން މަރުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ރާއްޖޭގެ ހިތުގެ ބަލީގެ ހާލަތަށް ބަލާއިރު ގައިންގައަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމަށް 2020 އިން 2022 އަށް ރާއްޖޭގައި ހެދި ސްޓެޕް ސަރވޭއިން ދައްކާގޮތުން ރާއްޖޭގައި 15 އަހަރާއި 65 އަހަރާއި ދެމެދުގެ އާބާދީގެ %4.7 މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނެވެ. އަދި %27.7 މީހުންނަކީ މި ބަލިތަކަށް ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަމުންދާ މީހުންނެވެ.
މި ދިރާސާއިން ދައްކާގޮތުން ރާއްޖޭގައި 18 އަހަރާއި 44 އަހަރާއި ދެމެދުގެ ކޮންމެ 3 މީހަކުން 1 އަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ހިރާސްތަކަށް ހުށައެޅިފައިވާ މީހެކެވެ. އަދި 45 އަހަރާއި 69 އަހަރާއި ދެމެދުގެ ކޮންމެ 2 މީހަކުން 1 އަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ހިރާސްތަކަށް ހުށައެޅިފައިވާ މީހެކެވެ.
ހިތުގެ ބަލިން ރައްކާތެރިވުމަށް ބަލިޖެހުމަށް މެދުވެރިވާ ހިރާސްތަކުން ދުރުހެލިވުމާމެދު ސަމާލުވުން މުހިންމެވެ. މިގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ދުންފަތުގެ ދުމުން ރައްކާތެރިވުމާއި، ދުޅަހެޔޮ ކާނާ ކެއުމާއި ހެލިފެލިވެ ކަސްރަތުކުރުން މުހިންމެވެ. އަދި މަސްތުވާތަކެތި ބޭނުންނުކުރުމާއި، ނަފްސާނީ ސިއްހަތާއިމެދު ސަމާލުވުން މުހިންމެވެ. އަދި ދުރާލާ ބަލި ދެނެގަތުމަށް ޓެސްޓު ކުރުމަކީވެސް މުހިންމު ކަމެކެވެ.