ޚަބަރު

ވޯޓުލާ ވަގުތު ހަމަވުމާއެކު ކިއުތައް ބަންދުކޮށްފި


17:00 ވޯޓުލާން ކަނޑައަޅާފައިވާ ވަގުތު ހަމަވުމާއެކު ކިއުތައް ބަންދުކޮށްފި

16:37 ހަތަރެއް ޖެހުމާ ހަމައަށް 221496 މީހުންވަނީ ވޯޓުލާފައި. މިއީ ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ %78.32

ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ޖުމްލަ 9 ފޮށްޓެއް ވޯޓުލުމަށް ބެހެއްޓިފައިވޭ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި 98 ފަރާތެއް ދަނީ ހަރަކާތްތެރިވަމުން. އޭގެ ތެރޭގައި 76 އޮބްޒާވަރުންނާއި 22 މޮނިޓަރުން ހިމެނޭ.


16:00 ވޯޓުލުން ނިމެން ބާކީ އޮތީ ގަޑިއެއްހާއިރު، ވޯޓުލާ ކިއުތައް ބަންދުކުރާނީ 17:00ގައި.

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ވޯޓު ލައްވައިފި. ކުރީގެ ރައީސް މައުމޫންގެ ދެކަނބަލުން ވޯޓުލައްވާފައިވަނީ ސްރީލަންކާގައި ހުރި ފޮށްޓަކަށް.

15:35 ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިހާތަނަށް %70.37 މީހުން ވޯޓު ލައިފި

15:17 ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ.

14:40 ދޭއް ޖެހުމާއި ހަމައަށް %60.8 މީހުން ވޯޓުލައިފި. މިހާތަނަށް ވޯޓުލީ މީހުންގެ ޖުމްލަ ޢަދަދަކީ 171،954 މީހުން.

14:36 އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދިން މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން - ދިވެހި ފުލުހުންގެ ޚިދުމަތް

14:30 އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފަށް ބަޔަކު ހަމަލާދީފައިވާ މައްސަލަ ފުލުހުންނަށްވަނީ ރިޕޯޓްކޮށްފައި. މިސަރަހައްދުގައި ފުލުހުންދަނީ ހަރަކާތްތެރިވަމުން

14:28 މިއަދުގެ 2 ޖެހުމާ ހަމައަށް 171،954 މީހުންވަނީ ވޯޓުލާފައި. މިއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ %60.80އެވެ.

02:14 އިންތިޚާބުގެ ވޯޓްލުމަށްފަހު އެސަރަހައްދުގައި މަޑުނުކުރައްވާ ވަޑައިގަތުމަށް ފުލުހުންވަނީ އެދިވަޑައިގެންފައި.

01:16 މިހާތަނަށް 149،524 މީހުން ވަނީ ވޯޓުލާފައި. މިއީ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %52.87 އިންސައްތަ

13:02 އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވޯޓު ލައްވައިފި. އަސްލަމް ހުންނެވީ އަމިއްލަފުޅު ރަށުގަ، އައްޑޫ ސިޓީގައި.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވޯޓު ލައްވައިފި.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހާރު ވަނީ ވޯޓު ލައްވާފަ. އެކަމަނާ ވޯޓު ލައްވާފައިވަނީ ސޯޝަލް ސެންޓަރުގައި ހުރި މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ޚާއްޞަކޮށްފައިވާ ވޯޓު ފޮށްޓަކަށް.

11:00 ތިން ގަޑިއިރު ތެރޭގައި 97،220 މީހުން ވޯޓުލައިފި.

10:45 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.

10:00 ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 10 ޖެހުމާއި ހަމައަށް 65000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި. މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %23.20 މީހުންނެވެ.

10:26 ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި

9:58 - ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 1200 އަށްވުރެ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން.


9:55 - ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓު ލައްވައިފި. އެކަމަނާ ވޯޓު ލައްވާފައިވަނީ އަޙްމަދިއްޔާ އިންޓަަރނޭޝަނަލް ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.

9:51 : ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 9 ޖެހުމާއި ހަމަމައަށް 36000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި. މިއީ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %12.84 މީހުންނެވެ.

09:42 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވޯޓުލެއްވުން

9:39 - ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 586 ވޯޓުފޮށި ވަނީ ބަހައްޓާފައި.

09:20 ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.

09:06 ރާއްޖޭގެ ހުރިހާ ހިސާބެއްގައިހެން އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ވަރަށް އަމާންކަމާއެކު ދަނީ ކުރިއަށް. އަތޮޅުތަކުގައިވެސް 319 ފޮށި ވަނީ ބައްޓާފައި.

09:00 - ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުނެގުން އަބޫދާބީ އަދި ލަންޑަން ފިޔަވާ ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓި އެހެން ހުރިހާ މަރުކަޒެއްގައި ވަނީ ފެށިފައި. ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ޖުމްލަ 9 ފޮށި މި ބުރުގައި ބަހައްޓާފައިވޭ.

08:53 - ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.

08:29 - ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ރަނިންމޭޓް ޙުސެއިން މުޙައްމަދު ލަޠީފް ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.

ކުރިއަށްއޮތް 5 އަހަރު ރާއްޖޭގެ ވެރިކަން ކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށިއްޖެއެވެ.

މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ. ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލާ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ގަޑިއަށް އިތުރު އެއްގަޑިއިރު އިތުރުކޮށްދެއްވާފައެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ އައި 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖެހިއިރު ވަނީ ވޯޓުލުން ފަށާފައެވެ.

ހަވީރު 5 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރޭގައި އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އުމުރުން 35 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނެވެ. މި އުމުރުފުރާގެ 143،609 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

ދެން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ. މި އުމުރު ފުރާއިން ޖުމްލަ 116،047 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އަދި 65 އަހަރުން މަތީގެ 23148 މީހަކަށް މި ބުރުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

މާލޭ ސަރަޙައްދަށް އިތުރުކުރި 11 ވޯޓު ފޮށްޓާއި، ރާއްޖޭން ބޭރުގައި ބަހައްޓާ ފޮށިތަކާއެކު މި ބުރުގައި ޖުމްލަ 586 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި 187 ފޮށި، އަތޮޅުތަކުގައި 319 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި މި ބުރުގައި ވޯޓުލުމަށް އެއް ފޮށި ބަހައްޓާފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ މިފަހަރު 6223 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. މިއީ ފުރަތަމަ ބުރާއި އަޅާބަލާއިރު ދެގުނަ އިތުރުވުމެކެވެ. ފުރަތަމަ ބުރުގައި ރަޖިސްޓްރީވެފައިވަނީ 3327 މީހުންނެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބުނުއިރު، ވޯޓުލާފައިވަނީ އޭގެ ތެރެއިން %79.85 މީހުންނެވެ. އެއީ 225،486 މީހުންނެވެ.