ޚަބަރު

މަޖިލީހަށް ކުރިމަތިނުލާނަން، މިކުރަނީ އެމްޑީޕީ ވަރުގަދަ ކުރުމުގެ މަސައްކަތް: ރައީސް


  • ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި ނިކުންނާނެކަމަށް ވިދާޅުވި

  • ވަކި މީހަކު ޕާޓީގައި ހުރުމާިއ ނުހުރުން މުހިންމު ނޫންކަމަށް

  • ކުރިއަށް އޮތް އިންތިޚާބަށް ޕާޓިން މަސައްކަތް ކުރާކަމަށް

ވެރިކަމުން ދުރަށް ވަޑައިގަތުމަށްފަހު، އެންމެ އިސްކަމެއް ދެއްވާނީ އެމްޑީޕީ ވަރުގަދަކޮށް، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮގުގައި ފައްކާކުރުމަށްކަމަށް ރައީސުލްޖުމްހޫއްރިިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙު ވިދާޅުވީ ސިޔާސީ ދާއިރާއިން އެއްކޮށް ދުރުވެވަޑައި ނުގަންނަވާނެކަމަށެވެ.

ރިޔާސީ އިންތިޚަބަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ އެންމެ މުހިންމު މަސައްކަތަކަށްވާނީ، އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ ސަރުކާރު ޖަވާބުދާރީކުރުވުމަށް މަސައްކަތްކުރެއްވުންކަމަށެވެ. އެގޮތުން އެމްޑީޕީގެ އިސް މަޤާމަކަށް އައުމަށް ވިސްނުމަށްވުރެ މިވަގުތު އެންމެ އިސްކަމެއް ދެއްވާނީ އެކަތިގަނޑެއްގެ ގޮތުގައި ޕާޓީ ހިފެހެއްޓުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދެވުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ، ދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށްވެސް ކުރިމަތިނުލައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަޖިލިސް އިންތިޚާބުގައި ޕާޓީގެތެރެއިން ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

"މުސްތަޤުބަލުގައި ބޭނުންވަނީ ޑިމޮކްރަސީ ހައުދަނާކުރުމަށް މަސައްކަތްކުރާ ވަރުގަދަ އޮޕޮޒިޝަން ޕާޓީއަކަށް އެމްޑީޕީ ހެދުމަށް މަސައްކަތް ކުރަން. ސަރުކާރު ޖަވާބުދާރީ ކުރުވާނަން. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވުމުގެ މަސައްކަތްތައް ޕާޓީއން މިވަނީ ފަށައިގެންފައި." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްޕުޅުތައް ބައްޓަންކުރައްވާނީ ޤައުމަށް އެންމެ ފައިދާވާނެ ގޮތަށްކަމަށެވެ.


ނޫސްވެރިންގެ މި ބައްދަލުވުމުގައި ރައީސް ވަނީ އެމްޑީޕީ ދޫކުރައްވާ ވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު އަލުން އެޕާޓީއާއި ގުޅިވަޑައިގަތުމުގެ ޝަޢުޤުވެރިކަންފާޅުކުރައްވާ ކުރެއްވި މެސެޖާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝިދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ފަންސާސް އިންސައްތަ ތާޢީދު އޮތްނަމަ އެޕާޓީއާއި ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.

އެކަމާއި ގުޅޭގޮތުން ރައީސް ޞާލިޙް ވިދާޅުވީ، ވަކި ބޭފުޅަކު ޕާޓީއަށް ގެނައުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫންކަމަށެވެ. ވަކި ބޭފުޅަކު ނެތިގެން އެމްޑީޕީ ހުއްޓިފައި ނޯންނާނެކަމަށާއި، ވަކި ބޭފުލަކު ނެތިގެން ޕާޓީ ހުއްޓިފައި ނޯންނާނެކަން ފާއިތުވި ދުވަސްތަކުގައިވެސް ފެނިފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އެމްޑީޕީއާ ގުޅެންޖެހެނީ ގައުމީ މަޖިލީހުގެ ތާއީދު އޮވެގެން ނޫން ކަމަށެވެ. ޕާޓީއަށް ވަންނަން އޮންނަން އުސޫލުން ޢަމަލުކުރެއްވުމުން ކޮންމެ މީހަކަށްވެސް ޕާޓީއަށް ވަނުމުގެ ފުރުޞަތު އޮންނާނެކަމަށާއި، އެމްޑީޕީގެ އަސާސީ ޤަވައިދު އޮތްއިރު ޤައުމީ މަޖިލީހުގެ ތެރެއިން ވޯޓަކުން އެކަން ކުރަން އުޅުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫންކަމަށްބެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެއަށްފަހު ރައީސް ވަނީ ރައީސް ނަޝީދު އަނބުރާ ޕާޓިއަށް ގެނައުމުގެ ރޫހު ޕާޓީތެރޭގައި ނެތްކަންވެސް ފާހަގަކުރައްވާފައެވެ.

"ޕާޓީއަށް ވަދެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ބޭފުޅަކު ފޯމު ފުރުއްވާފައި ފޮނުއްވީމަ ޕާޓީ އެތެރޭގައި އެ އޮންނަ އުސޫލުތަކުގެ ތެރެއިން އެއީ އަޅުގަނޑުމެންގެ ޕާޓީއަށް ވައްދަން ފެންނަ ބޭފުޅެއް ކަމަށް އެ ގުނަވަނަށް ފެނިއްޖެއްޔާ އެ އޮންނަ އުސޫލުގެ ތެރެއިން ފެނިއްޖިއްޔާ އެކަން ކުރިއަށްދާނެ" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.


ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ %99 މެމްބަރުން ދެކޮޅުކަމަށެވެ.

ގައުމީ މަޖިލީހުގައި އަޅުގަނޑު އިންނަން، ޤައުމީ މަޖިލީހުގެ ރޫހު ހުރި ގޮތް އަޅުގަނޑަށް ފެނޭ. ގާތްގަނޑަކަށް އަޅުގަނޑަށް ދެންނެވިދާނެ %99 މިހާތަނަށް ނޫނެކޭ ބުނަނީ. ބަރުލަމާނީއަށް ވެސް ނޫނެކޭ ބުނަނީ. އެއީ މަޝްވަރާގެ ތެރެއިން ކުރެވޭނެ ކަންތައްތައް" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމަށް އެންމެ ފައިދާބޮޑު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އަބަދުވެސް ކަންތައް ކުރައްވާނީ ޤައުމަށް އެންމެ ފައިދާވާގޮތަށްކަމަށެވެ. އަދި އެމްޑީޕީ ބަލިކަށިވާތަން ބަލަން ނުހުންނަވާނެކަމަށާއި، އަބަދުވެސް މަސައްކަތްކުރައްވާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.