ޚަބަރު

ސަރުކާރަށް ހޮވާނީ ރެޔާއިދުވާލު ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭފަދަ ގާބިލް ބޭފުޅުން: މުއިއްޒު


  • އިންތިޚާބު ކުރެއްވީ ރައްޔިތުންކަމުން ހިނގާނީ ރައްޔިތުންގެ ބާރު ކަމަށް ވިދާޅުވި

  • އެހެން ބައެއްގެ އަތްމައްޗަށް ބާރުފޯރުވަން ދޫނުކުރައްވާނެ ކަމަށްވެސް ވިދާޅުވި

ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށްފަހު އެކުލަވާ ލައްވާ ސަރުކާރަކީ ރެޔާއި ދުވާލު ހޭލައިތިބެގެންވެސް ރައްޔިތުންނަށް ޚިދުމަތްދެވޭފަދަ ގާބިލް ހީވާގި ސަރުކާރެއް ކަމުގައި ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި އެމަނިިކުފާނު ވިދާޅުވީ އާ ސަރުކާރުވެގެންދާނީ ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވާ ދެފުށްފެންނަގޮތަށް ކަންކަން ނިންމާ ސަރުކާރަކަށް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ސަރުކާރުގެ ކަންކަން ހިނގާގޮތަށް، އެމަނިކުފާނުގެ ސަރުކާރަށް ބަސްކިޔައި އެހެންބަޔަކު ކޮންޓްރޯލްކުރާ ސަރުކާރަކަށް ވެގެން ނުދާނެކަމަށް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ އެމަނިކުފާނު ޒިންމާދާރުވެވަޑައިގަންނަވާނީ ހަމައެކަނި ރައްޔިތުންނަށް ކަމަށެވެ. އެމަނިކުފާނަކީ ހަމައެކަނި ރައްޔިތުންނަށް ޚިދުމަތްކުރާ ޚާދިމަކަށް ވެވަޑައިގަންނަވާނެކަމަށާއި އެހެން ބައެއްގެ ނުފޫޒެއް އެމަނިކުފާނުގެ މައްޗަށް ނުހިންގޭނެކަމަށްވެސް ވިދާޅުވިއެވެ.

"މިސަރުކާރުގައި ވާހެނެއް އެހެން ބައެއްގެ އަތްމަތީގައި ބާރު އޮންނަ ސަރުކާރެއް ނޫން، އަޅުގަނޑުގެ މައްޗަށް ބާރެއް ނުހިނގާނެ އެއްވެސް ބައެއްގެ. ރައްޔިތުންގެ ބާރު އެކަނި ހިނގާނީ. ރައްޔިތުން އަޅުގަނޑު އިންތިޚާބު ކުރީ. އަޅުގަނޑު މިއީ ރައްޔިތުންގެ ޚާދިމެއް." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ކެބިނެޓް އެކުލަވާލައްވައި މަސްއޫލިއްޔަތު ޙަވާލުކުރައްވާނީ އިތުބާރުކުރެވޭ އިޚްލާސްތެރި އަދި ކަމަށް ޤާބިލު ބޭފުޅުންނާކަމަށެވެ. އެބޭފުޅުންވާނީ އެމަނިކުފާނު ވިދާޅުވާގޮތަށް ކަންކަން ކުރައްވާނެ ބޭފުޅުންނަށެވެ.

"ރެއާއި ދުވާލު މަސައްކަތްކުރައްވާނެ އެބޭފުޅުން. ކޮންމެ ގަޑިއަކު ވަކިކަމެއް ހިނގަނީ ކިހިނެތްތޯބަލަން އަޅުގަނޑު ފޯންކޮށްފިއްޔާ ޔަގީނުންވެސް ފޯނު ނަންގަވާނެ. އެހެންވީމާ އެހާ ހީވާގި ބޭފުޅުން ތިއްބަވާނީ. ކުންފުނިތައް ހިންގަވަން ތިއްބަވާނީވެސް އެފަދަ ބޭފުޅުން" ޑޮކްޓަރ މުއިއްޒު ވިދާޅުވިއެވެ.

ރޭގެ މިބައްދަލުވުމުގައި އިންތިޚާބީ ނައިބު ރައީސްގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.