ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސިޔާސީ ޕާޓިތަކުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ދުރާލާ ކުރިއަށްގެންދިއުމަށް އިލެކްޝަން ކޮމިޝަނުން އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ އިންތިޚާބުތަކާއި ޤާނޫނު ބުނާގޮތުންނަމަ މަޖިލީހުގެ އިންތިޚާބުގެ ހުރިހާ މަސައްކަތްތައް، މެންބަރުން ހުވާކުރުމުގެ 1މަސް ދުވަހުގެ ކުރިން ނިންމަންޖެހޭކަމަށެވެ. 19ވަނަ މަޖިލީހަށް މެންބަރުން ހުވާކުރައްވާފައިވަނީ 2019ވަނަ އަހަރުގެ މޭމަހުގެ 29ވަނަ ދުވަހުއެވެ. އެހެންކަމުން 20ވަނަ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމާއި ގުޅޭ ހުރިހާ މަސައްކަތްތައް 2024 އޭޕްރިލް 29ގެ ކުރިން ނިންމަންޖެހޭނެކަމަށް ޙަބީބު ވިދާޅުވިއެވެ.
ޙަބީބު ވިދާޅުވީ އިންތިޚާބު ބާވަންޖެހޭ ދުވަސްވަރު ރަމަޟާންމަހާއި ދިމާވާތީ، އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ހަބީބު ވިދާޅުވީ، އިންތިޚާބީ މަރުކަޒުތަކުގެ ގޮތުގައި ބޭނުންކުރަނީ ސްކޫލްތައްކަމަށާއި، އެހެންކަމުން ސްކޫލް އިންތިޙާނުތަކަށްވެސް ބުރޫނާރާގޮތަށްކަން މަސައްކަތްތައް ރާވަންޖެހޭކަމަށެވެ. އިންތިޚާބަށް ތާރީޚެއް ކަނޑައަޅުމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން އިލެކްޝަން ކޮމިޝަނުން ދަނީ ބަލަމުންނެވެ.
ޙަބީބު ވިދާޅުވީ، މަޖިލިސް އިންތީޚާބަށް ހުޅުވާލުމުގެ ކުރިން، ޕާޓީތަކުން ކުރިއަށްގެންދާ ޕްރައިމަރީގެ މަސައްކަތްތައް އަވަހަށް ނިންމުމަކީ ވަރަށް ބޮޑު އިސްކަމެއް ޕާޓީތަކުން ދޭންޖެހޭނެ ކަމެއްކަމަށެވެ.
"މިސާލަކަށް މަރޗްގައި އިންތިޚާބު ބާއްވާނަމަ ކުރިމަތިލާން ހުޅުވާލާފާނެ ޖެނުއަރީގައިވެސް. އެހެންވީމާ ޕާޓީތަކުން ދުރާލާ ތައްޔާރުވެ، ޕްރައިމަތީ ބާއްވަން އެދެން. ފަހުވަގުތަށް މަޑުކޮށްފިނަމަ އެކަމުގައި އުނދަގޫތައް އަންނާނެ. ރައްޔިތުންވެސް އަދި ޕާޓީތަކުންވެސް މިކަމަށް ތައްޔާރުވާންޖެހޭ." އީސީގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ 20ވަނަ ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓެއް ޢާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައެވެ. އާބާދީއަށް އައިސްފައިވާ އިތުރުވުމާއެކު، 6 ދާއިރާ ވަނީ މަޖިލީހަށް އިތުރުކުރުމަށް ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވުމުގެގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށްޓަވާފައެވެ.