ޤާނޫނީ ވަކީލް އަޙުމަދު ނަޖީބް މަރާލި މައްސަލާގައި މެރުމަށް ޙުކުމްކޮށްފައިވާ އަޙުމަދު މުއްރަތަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖެއްސުމަށް ސުޕްރީމްކޯޓުން ފުރުޞަތު ދެއްވައިފިއެވެ.
ޤާނޫނީ ވަކީލް އަޙުމަދު ނަޖީބް މަރާލި މައްސަލާގައި އަޙުމަދު މުއްރަތު މެރުމަށް ދަށުކޯޓުން ޙުކުމްކުރީ 2012 ވަނައަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުގައެވެ. އެ ޙުކުމަށް ހައިކޯޓުން ތާއީދުކުރައްވައި، ދަށުކޯޓްގެ ޙުކުމް ދެމެހެއްޓުމަށް ނިންމެވީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.
ހައިކޯޓްގެ ނިންމެވުން އިސްތިޢުނާފްކުރެއްވުމަށް މުއްރަތަށް ލިބިފައިވާ 10 ދުވަހުގެ މުއްދަތު ހަމަވިއިރު އެނާގެ ފަރާތުން އެ މައްސަލަ އިސްތިޢުނާފް ނުކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވަނީ ދައުލަތުގެ ފަރާތުންނެވެ.
މި މައްސަލާގައި މިއަދު ބޭއްވެވި ފުރަތަމަ އަޑުއެހުމުގައި ވަކީލަކު ނުލައި މުއްރަތު ޙާޟިރުކުރުމުން މައްސަލަ ބައްލަވާ ބެންޗުން ވަކީލަކު ކޮބައިތޯ ސުވާލު ކުރައްވާފައިވެއެވެ. އެ ސުވާލްތަކަށް ޖަވާބު ދެމުން މުއްރަތު ބުނެފައިވަނީ އޭނާ ވަކީލަކު ބޭނުންވާކަމަށެވެ. އަދި ޖަލުގައި ހުންނަން ޖެހުމުން އިންތިޒާމްތައް ހުރި ގޮތުން ވަކީލަކު ހަމަނުޖެއްސުނީ ކަމަށްވެސް މުއްރަތު ބުނެފައިވެއެވެ. އަދި މިހާރު ޢާއިލާއިން އެހީތެރިކަން ނުލިބޭތީ އަމިއްލަ ޚަރަދުފައި ވަކީލަކު ހަމަޖެއްސެން ނެތްކަމަށްވެސް މުއްރަތު ބުނެފައިވެއެވެ.
މި މައްސަލާގައި ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖެއްސެވުމަށް މުއްރަތަށް ސުޕްރީމް ކޯޓުން ފުރުޞަތު ދެއްވާފައިވަނީ މައްސަލައިގެ އަޑުއެހުން ފެށުމަށްފަހު ދައުލަތުން މައްސަލަ ހުށައަޅުއްވަމުން ގެންދަވަނިކޮށް ކުޑަވަގުތުކޮޅަށް އަޑުއެހުން މެދުކަނޑާލައްވައި ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މުއްރަތު ދިރިއުޅޭ ގެއަށް ޤާނޫނީ ވަކީލް އަޙުމަދު ނަޖީބް ގެނެސް، އެނާ ގޮނޑިއެއްގައި ބަނދެ ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ނަޖީބް މަރާލުމުގައި މުއްރަތާ ގާތްގުޅެއް އޮތް ށ. ގޮއިދޫ ރިހާބް ފާތިމަތު ހަނާވެސް ބައިވެރިވެފައިވެއެވެ.
ހަނާގެ މައްޗަށްވެސް ދަށުކޯޓުން ވަނީ މެރުމަށް ޙުކުމްކޮށްފައެވެ. އަދި މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓްގައި ނިންމާލާފައިވީ ނަމަވެސް އަދި ޙުކުމް އިއްވަވާފައެއް ނުވެއެވެ.