ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފިއެވެ.
87 މެމްބަރުން ތިއްބަވާ މަޖިލީހުގެ ކޯރަމަކީ 22 މެމްބަރުންނެވެ. މަޖިލިސް ފެށުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުނު އިރުވެސް 22 މެމްބަރުން ހަމަނުވާތީ މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ކެންސަލްކުރިކަން އިއުލާންކުރައްވާފައެވެ. މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވީ ނައިބް ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށައަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް އާ ބެހޭ ބިލުގެ ބަހުސާއި ޔޫއޭއީއަށް ކަނޑައަޅުއްވާ ސަފީރަށް ރުހުން ދިނުމުގެ އިތުރުން ކޮމްނަޑޫ ދާއިރާގެ މެމްބަރުން މުހައްމަދު ރާޝިދު ހުށައަޅުއްވާފައިވާ ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުމެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވި ކެންސަލްވިއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ފަރާތުން މިއަދު ވަނީ މަޖިލީހަށް ހުށައަޅައިފައެވެ. 48 މެމްބަރުންގެ ސޮޔާއި އެކު ހުށައެޅި މައްސަލާގައި ބުނެފައިވަނީ ރައީސް ނަޝީދު މަޖިލިސް ކުރިޔަށް ގެންދަވަނީ މަޖިލީހުގެ ޤަވައިދާ ހިލާފަށްކަމަށެވެ. އަދި އެޖެންޑާ ކަނޑައެޅުމުގައިވެސް އަމިއްލަ މަސްލަހަތު ގެންގުޅުއްވާކަމަށް އެމްޑީޕީގެ މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.