ޚަބަރު

ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެނަށްވެސް ފަސޭހައިން ލިބެން ހުންނަ ޚިދުމަތަކަށް ހަދަންޖެހޭ: ރައީސް


  • ނަފްސާނީ ބަލިކަން ހުންނަ މީހުންނަށް އަނެކުންގެ އަޅާލުމާއި އެހީތެރިކަން ބޭނުންވޭ

  • އޯގާތެރިވެ އެފަދަ މީހުންނަށް އަޅާލަންޖެހޭ

  • މިބަލީގެ ފަރުވާއަކީ އެންމެނަށް ލިބެން ހުންނަ ފަރުވާއަކަށް ހަދަންޖެހޭ

ނަފްސާނީ ބައްޔަށް ދެވޭ ފަރުވާއަކީ އެންމެނަށްވެސް ފަސޭހައިން ލިބެން ހުންނަ ފަރުވާއަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގޮވާލައްވައިފިއެވެ.

ބައިނަލްއަޤުވާނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިފަދަ ދުވަހެއްގައި ހަނދާންކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އަނެކުންނަށް އޯގާތެރިވުންކަމަށެވެ.

އެގޮތުން ހެޔޮހިތުން އޯގާތެރިކަމާއެކު ކުރާ ކުޑަކަމެއްގެ ނަތީޖާއަކީ އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް ލިބިގެންދާނެ ބޮޑު އުއްމީދެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ މީހަކީވެސް އަނެކުންގެ ފަރާތުން އެމީހެއްގެ ޙާލަތު އެނގި އިޙްސާސްކުރެވުމާއި، އެ އިޙްސާސްކުރެވޭކަންކަން ޙިއްސާކުރެވޭނެ ފަދަ މީހެއްކަމަށެވެ.

ހަމައެއާއެކު ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ ވަޞީލަތް ފަހިގޮތެއްގައި ލިބިދިނުމަކީ ކޮންމެ މީހަކަށްވެސް ޙައްގުވާކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިފަދަ ދުވަހެއްގައި އެންމެ އެކުގައި މަސައްކަތް ކުރަންވީ، ނަފްސާނީ ބައްޔަށް ދެވޭ ފަރުވާއަކީ ކޮންމެ މީހަކީވެސް ފަސޭހައިން ލިބެން ހުންނަ ފަރުވާއަކަށް ހެދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ނަފްސާނީ ބަލި މަޑުކަމަކީ ގިނަ ބަޔަކު އެބައްޔާއި މެދު ފަރުވާ ކުޑަކުރާ އަދި އެވާހަކަ ދެއްކުމުގައި ލަދުގަތުމާއި ފަސްޖެހުން އެކުލެވޭ ބައްޔެކެވެ. މިބައްޔާއި މެދު ޢާއްމުން ހޭލުންތެރިކުރުވާ ބައްޔަށް ފަރުވާ ހޯދުމަށް ބާރު އެޅުމަށް ވޭތުވެދިޔަ 5 އަހަރު ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކުރައްވާފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ނަފްސާނީ ބައްޔަށް ޚާއްސަ ޑިޕާޓްމެންޓެއް ޤާއިމުކުރައްވާ، މެންޓަލް ހެލްތް ސެންޓަރު ވަނީ ރަސްމީކޮށް ހުޅުވާދެއްވާފައެވެ.

އަތޮޅުތަކުގައިވެސް ނަފްސާނީ ބަލީގެ ފަރުވާ ފުޅާކުރުމަށް ޓަރޝަރީ ހޮސްޕިޓަލްތަކުގައާއި ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް މި ޚިދުމަތްވަނީ ތަޢާރަފްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ބައްޔާއި މެދު ޢާއްމުން ދެކޭގޮތް ބަދަލުވެ ފަރުވާއަށް އެދޭ މީހުންގެ ނިސްބަތް ވަނީ ބޮޑުތަނުން އިތުރުކުރައްވާފައެވެ. ގިނަ ބައެއްގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާވަނީ ނަފްސާނީ ބައްޔަށް ކުރާ ހޭދައަކީ އާސަންދަ މެދުވެރިކޮށް ކުރެވޭ ފަރުވާއަކަށް ހައްދަވާފައެވެ.