އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން އަންގަވާފައި ނުވާނެކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރުން ބައެއް ރަށްރަށުގައި ހިންގަމުން އަންނަ ތަރައްޤީގެ މަޝްރޫޢުތަށް ހުއްޓާލުމަށް އަންގާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން، ކުރެއްވި ޓްވީޓެއްގައެވެ.
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެއްވެސް މަޝްރޫޢުއެއް ހުއްޓާލަން ނުވަތަ މަޑުޖައްސާލަން އެމަނިކުފާނު އަދި އެމަނިކުފާނުގެ ފަރާތްޕުޅުންވެސް އެއްވެސް ބޭފުޅަކު ނާންގާނެކަމަށެވެ. ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުން ދާކަމާއި، އެކަން ކުރަނީ އެމަނިކުފާނުގެ އެންގެވުމަކަށްކަމަށް ބުނެ ދައްކަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާއަށްފަހު ސަރުކާރު ބަދަލުވުމާއި ހަމައަށް ކުރިއަށްދާ އިންތިޤާލީ މުއްދަތުގައި އަލަށް އެއްވެސް މަޝްރޫއުއެއް ނުފެށުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ އަންގަވާފައެވެ. ނަމަވެސް ހިނގަމުންދާ މަޝްރޫޢުތައް އެގޮތުގައި ކުރިއަށް ގެންދެވޭނެކަމަށް އިދާރާތަކުން ހާމަކުރައްވައެވެ.
ސަރުކާރުގެ ބާރުތައް އައު ސަރުކާރާއި ހަވާލުކުރުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް 7 ކަމެއް ކުރިއަށް ނުގެންދެވުމަށް އިންތިޚާބީ ރައީސް ވަނީ ސަރުކާރުގައި އެދިވަޑައިގެންފައެވެ. އެގޮތުން ދަޢުލަތުގެ އެއްވެސް މުޢައްސަސާއަކުން އައު އިންވެސްޓްމަންޓެއް ނުކުރުމަށާއި، ދަޢުލަތުގެ އެއްވެސް ބިމެއް ތަރައްޤީކޮށް ވިއްކުމުގެ އައު ހުއްދައެއް ނުދިނުމަށް އިންތިޚާބީ ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ދަޢުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރުމަށާއި، ބައިނަލްއަޤްވާމީ މުޢާޙަދާތަކާއެކު އެއްބެސްވުންތަކުގައި ސޮއި ނުކުރުމަށާއި، ޕީ.އެސް.އައި.ޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އައު ޕްރޮޖެކްޓެއް ނުފެށުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ދަޢުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، ދަޢުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަޤާމުގެ ކުރިއެރުން ނުދިނުމަށް އިންތިޚާބީ ރައީސް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހުގައި އެދިވަޑައިގެންފައެވެ. ސަރުކާރުން ވަނީ އިންތިޤާލީ މަރުހަލާގެ ހުރިހާ ކަމަކަށްވެސް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.