ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިސްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވައިފިއެވެ. މި ޤަރާރު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންއެވެ.
މި ޤަރާރުގައި ވަނީ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިސްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެހަމަލާތަށް ވަގުތުން ހުއްޓާލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް ކުއްވެރިކޮށް އެއަނިޔާތަށް ހުއްޓާލާ ފަލަސްޠީނުގައި އިންސާނީ ހައްޤްތަށް ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ. އަދި އިސްރާއީލުން ފަލަސްޠީނުގެ ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ އަދި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް މި ޤަރާރުގައި ވަނީ ގޮވާލާފައެވެ.
މި ޤަރާރުގައި ބުނެފައިވަނީ 1967 ވަނަ އަހަރު ކަނޑައެޅި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރާކަމަށެވެ. އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަށް ފޭރިގަނެ އެބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިސްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށް މިޤަރާރުގައި ވަނީ ބުނެފައިވެއެވެ.
މި ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ފެނާއި، ކަރަންޓާއި، ބޯފެނާއި އަދި ސިއްހީ ފަރުވާގެ ހިދުމަތް ހުއްޓުވާލާފައި އޮތުމާއި، ކާބޯތަކެތި ޣައްޒާއަށް އެތެރެވިޔަ ނުދިނުމަށް ގައްޒާ ވަށައިގެންވާ ހުރިހާ ޗެކް ޕޮއިންޓްތަކާއި ގޭޓްތައް ބަންދުކޮށްފައި އޮތް އޮތުންވެސް ވަނީ ކުށްވެރިކޮށްފައެވެ.
ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެހަމަލާތަށް ވަގުތުން ހުއްޓާލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް… pic.twitter.com/N4cY7TT0lr
— Saud Hussain (@SaudVillingili) October 12, 2023
މީގެ އިތުރުން އިސްރާޢީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ ޢުދުވާނީ ހަމަލާތަކަކީ، ފަލަސްޠީނުގެ ރައްޔިތުންނާއި، ކުޑަކުދިންނާއި، މުސްކުޅިންނާއި، ބަލިމީހުންނަށް ބެލުމެއްނެތި، ފަލަސްޠީނުގެ މުސްލިމް ދަރިފަސްކޮޅު ނައްތާލުމަށް ހިންގާ އިންސާނިއްޔަތާއި ޚިލާފް ބޮޑު ޖަރީމާއެއްކަމަށްވެސް މި ޤަރާރުގައި ބުނެފައިވެއެވެ.
ސަޢުދު ޙުސައިން ހުށައެޅުއްވި ޤަރާރުގައި ވަނީ، އިސްރާޢީލުގެ ލާއިންސާނީ ޢަމަލުތަކާމެދު ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިސްރާޢީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށާއި، އިސްރާޢިލުގައި އުފައްދާ އަދި އެޤައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރވުންމަނާކުރުމަށް ގޮވާލާފައެވެ. އަދި އިސްރާޢީލާ ރާއްޖެއާދެމެދު އެއްވެސް ގުޅުމެއް ޤާއިމްކޮށްފައިވާނަމަ އެފަދަ ހުރިހާ ގުޅުމެއް ސަސްޕެންޑުކޮށް އިސްރާޢީލުން ހިފަމުންދާ ފަލަސްތީންގެ ހުރިހާ ބިންތަކުން ފައިބާ، މެދުއިރުމަތީގައި ސުލްހަ ގާއިމްކުރެވެން ދެން މި ފިޔަވަޅުތައް ދެމެހެއްޓުމަކީ މުހިއްމު ކަމެއްކަމަށް ދެކޭކަމަށްވެސް ސަޢުދު ހުށައެޅުއްވި ޤަރާރުގައިވެއެވެ.